ކުރީގެ މެމްބަރު ނިހާދު.

ކުރީގެ މެމްބަރު ނިހާދުއަށް ޓުއަރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފި!

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ނިހާދަށް ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމު ދެއްވައިފިއެވެ.

ނިހާދު އައްޔަން ކުރައްވާފައި ވަނީ ފަތުރުވެރިކަމާބެހޭ ވުޒާރާއަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިހާދު މި މަޤާމަށް އައްޔަންކުރެއްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ރިޔާސީ އިންތިޚާބު ނިމުމާއިއެކު ޕީއެންސީއަށް ބަދަލުވެވަޑައިގަތް ނިހާދު ފާހަގަ ކުރެވިފައިވަނީ ޕީއެމް/ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެއްގެ ގޮތުގައެވެ.

ނިހާދު ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަނު ކުރެއްވުމުން ފަތުރުވެރިކަމާބެހޭ ވުޒާރާގައި 3 ސްޓޭޓް މިނިސްޓަރުން ތިއްބަވާނެއެވެ.

އެމްޑީޕީ ޓިކެޓްގައި 19 ވަނަ މަޖިލީހަށް ހޮވިވަޑައިގަތް ނިހާދު މިއަހަރުގެ މަޖިލީސް އިންތިޚާބުގައި ވާދަކުރައްވާފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ދައުލަތުގެ މާލީ ޙާލަތު ދަށްވެ އިޤްތިޞާދު ވަރަށް ބޮޑަށް ހީނަރުވެ، ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ  މި ދަނޑިވަޅުގައި ސިޔާސީ މަޤާމުތަކަށް ބޭފުޅުން އައްޔަނު ކުރަމުން ގެންދާތީ ގިނަ ބަޔަކު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަކަން ފާހަގަ ކުރެވެއެވެ. އަދި ސަރުކާރުގައި ހިމެނޭ ސިޔާސީ މަޤާމުތަކުގެ އަދަދު ހާމަކުރުމަށް އިދިކޮޅު އެމްޑީޕީން ގޮވާލަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!