ސިޓީތަކާއި ކައުންސިލްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު

ޗައިނާގެ އެހީގައި ހިންމަފުށީގައި 165 ސޯލާ މަގުބައްތި ވަނީ ޖަހާފައި: ޝަރީފް

ޗައިނާގެ އެހީގައި ހިންމަފުށީގައި 165 ސޯލާ މަގުބައްތި ޖަހާފައިވާ ކަމަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ހިލޭ އެހީގައި ކ. ހިންމަފުށީގެ މަގުތަކުގައި ސޯލާ މަގު ބައްތި ޖެހާ ޚިދުމަތް ފެށުމަށްޓަކައި އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރަށްރަށުގައި ސޯލާ ހަކަތަ ޖެހުމަށް މިހާރު ކަނޑައަޅާފައި އޮންނަ ލިމިޓަށް ޙައްލެއް ހޯދައިދެއްވާނެކަމަށެވެ.

އަދި ސަރުކާރުން އަބަދުވެސް އިސްކަންދެނީ ކައުންސިލްތަކަށް ލުއިގޮތްތައް ހޯދައިދިނުމަށް ކަމަށާއި  ކައުންސިލްތަކުގައި ހުރި ދަތިތައް ސަރުކާރުން ބަލަމުންދާ ކަމަށެވެ.

އެދަތިތައް ނައްތާލާ ކައުންސިލްތައް ބާރުވެރިކުރުމަށް ބޭނުންވާ ބާރުތައް ދޫކޮށްލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެންމެ އިސްކަމެއް ދެއްވަނީ ރައްޔިތުން ބޭނުންވާ ފަދަ ޚިދުމަތެއް ކައުންސިލްތަކުން ދެވޭނެ މަގު، ކައުންސިލްތަކަށް ފަހިކޮށްދިނުމަށް ކަމަށެވެ.

ވަޒީރު ވިދާޅުވީ ހިންމަފުށި ކައުންސިލުން ފާހަގަކުރެއްވިގޮތަށް މިހާރު ރަށްރަށުގައި ސޯލާޖެހެނީ ވަަކި ލިމިޓަކަށް ކަމަށެވެ. އަދި ބައެއް ރަށްތަކުގައި ލިމިޓް ހަމަވެ، އިތުރަށް ސޯލާގެ ހުއްދަ ދޫނުކުރެވި ހުރި ކަމަށާއި މިކަމަށް ޙައްލެއް ގެނެސްދެއްވާނެ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!