މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި އެއްތަނބު: ޝިޔާމް

މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި އެއްތަނބުކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ އިޓަލީގެ ރޯމުގައި ކުރިއަށްދާ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަންގެ، ކޮމިޓީ އޮން ފިޝަރީޒްގެ 36 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ މި ސިނާޢަތުގައި ރާއްޖޭގެ މަސައްކަތްތެރިންގެ 11 އިންސައްތަ މީހުން ވަޒީފާ އަދާކުރާ ކަމަށާއި ކަނޑުގެ ވަސީލަތްތައް ހިމާޔަތް ކުރުމަށް ރާއްޖެއިން މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން ދެމެހެއްޓެނިވި މަސްވެރިކަމެއް ކޮށް ދުނިޔެއަށް ރާއްޖެއިން އެކަމުގެ މިސާލު ދައްކުވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިމަސައްކަތް ރާއްޖެއަށް އެކަނި ނުކުރެވޭނެ ކަމަށާއި މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި މިގޮތުން ރާއްޖެ ފަދަ ކުދި އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މި ސިނާޢަތުގައި ވިޔަފާރި ކުރުމަށް ހުރި ހުރަސްތައް ނައްތާލަން ޖެހޭކަމަށެވެ.

"އަޅުގަނޑުމެންގެ ފްރެއިޓް ޚަރަދު ބޮޑު. ކުރަން ޖެހޭ މަސައްކަތަށް ދާ ޚަރަދު އެއަށް ވުރެވެސް ބޮޑު. ތަކެތި އުފެއްދުމަށް ބޭނުންކުރާ ސާމާނުގެ އަގުވެސް އެހާމެ ބޮޑު. ހަނގުރާމަތަކާއި އެކި ކާރިސާތަކުގެ އަސަރު އަޅުގަނޑުމެންގެ ވިޔަފާރިއަށް ކުރޭ." ވަޒީރު ވިދާޅުވިއެވެ.

އަދި މިކަންކަމަށް ބޮޑު އިމްޕޯޓް ޓެރިފެއް ދައްކަން ޖެހޭ ކަމަށާއި އޭގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރީގެ ފަހަތުގައި ތިބެން ޖެހިފައިވާ ކަމަށާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އޮތް ވިޔަފާރި ހުރަސްތައް ނައްތާލަންޖެހޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!