ސަލާޙުއްދީން ސްކޫލުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ޕޮލިސް ސާވިސްގެ ރޯޑު ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދާ ޕްރޮގްރާމުތަކުގެ ތެރެއިން، ސަލާޙުއްދީން ސްކޫލު ދަރިވަރުންނަށް ކުރިއަށްގެންދިޔަ ސްކޫލް ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ފުލުހުން ބުނީ އިއްޔެ ސަލާޙުއްދީން ސްކޫލުގައި ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހެޑް އޮފް އޮފީސް އޮފް ދަ ކޮމިޝަނަރ  އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާނެވެ. މި ރަސްމިއްޔާތުގައި ހެޑް އޮފް މާލޭ ޕޮލިސް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲ، ހެޑް އޮފް ޓްރެފިކް އެންޑް ރޯޑް މެނޭޖްމަންޓް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު، ހެޑް އޮފް ހުޅުމާލޭ ޕޮލިސް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާއޫދު އަދި ރޯޑު ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުގެ މުއައްޒަފުންގެ އިތުރުން އެ ސްކޫލްގެ އިސްވެރިންނާއި ޓްރެފިކް މޮނިޓަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޝަރަފުވެރި މެހުމާނު ދެއްކެވި ވާހަކަފުޅުގައި، މި ޕްރޮގްރާމުން ދަސްވި ކަންކަމުގެ ބޭނުން އަމަލީ މައިދާނުގައި ފުރިހަމައަށް ހިފައި އަބަދުވެސް ނަމޫނާ ދެއްކުމަށާއި ނަމޫނާ ދަރިވަރުން ތަކަަކަށް ވުމަށް ނަސޭހަތްތެރިވެލެއްވިއެވެ.

ސަލާޙުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދީފައި ވެއެވެ. އަދި ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާއިރު ކުރަންޖެހޭ ކަންކަމާއި ރިވެތި ބަހުން މުއާމަލާތުކުރުމަށް ދަސްކޮށްދިނުމަށް ކުލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ އިތުރުން އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ސެލްފް ޑިފެންސް ކްލާސްތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ޖޫން 29 އިން ޖުލައި 3 އަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްގައި، އެ ސްކޫލުގެ 34 ދަރިވަރުން ބައިވެރިވިއެވެ.

ފުލުހުންގެ ރޯޑު ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން ދަނީ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ސިލްސިލާކޮށް ހިންގަމުންނެވެ.

advertisement
ހިޔާލު ދެއްވާ!