މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
މި މައްސަލައިގައި ހޯދަން އިއުލާނުކޮށްފައިވަނީ މުހައްމަދު ޝަރޫޖު އާދަމް، ކ. މާލެ/ މއ. ނިކަގަސްދޮށުގެ (38އ)އެވެ.
ފުލުހުން ވިދާޅުވީ، ލ. މާމެންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ އެ މައްސަލައިގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށެވެ.
މި މައްސަލައިގައި ޝަރޫޖު ހާޒިރުކުރަނީ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުން ވިދާޅުވެފައިވާގޮތުން އެ މީހާ، އާދަމް ހަލީމް ކްރަމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، މި މަހުގެ 16 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވާން ޖެހޭނެއެވެ.