ޒުވާން ޚަޠީބުންގެ ފުރަތަމަ ބެޗްގެ ބައިވެރިންނާއެކު އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު އަދި އެ ވުޒާރާގެ ބައެއް ވެރިން.

ޒުވާން ޚަޠީބުން ޕްރޮގްރާމުގެ ދެވަނަ ބުރުގައި ބައިވެރިވުމަށް 206 ފަރާތުން ފޯމު ހުށަހަޅައިފި

ޒުވާން ޚަޠީބުން ޕްރޮގްރާމުގެ ދެވަނަ ބުރުގައި ބައިވެރިވުމަށް 206 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅައިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދެވަނަ ބުރުގެ އިމްތިޙާނު ތިން ސަރަހައްދެއްގައި ބާއްވާނެ ކަމަށެވެ. އެގޮތުން މި ފަހަރުގެ ޕްރޮގްރާމްގެ އިމްތިހާނުތައް މާލޭގެ އިތުރަށް އައްޑޫ ސިޓީއާއި މީމު އަތޮޅުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެމިނިސްޓްރީން މައުލޫމާތު ދެއެވެ.

ޒުވާން ޚަޠީބު ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށް ޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމްއެކެވެ.

ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ފުރަތަމަ ބުރުގައި 100އަށް ވުރެ ގިނަ ކުދީން ވަނީ ސަނަދު ހާސިލްކޮށްފައެވެ. މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމަށާއި އިމާމުވެނަމާދު ކުރުމަށާއި ދީނާ ގުޅުން ހުރި އެހެނިހެން ޚާއްޞަ ތަމްރީނުތަކެއް ދެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ޕްރޮގްރާމްގެ ސަބަބުން ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް ވަނީ ލިބިފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މިޚާއްސަ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްދާ ޕްރޮގްރާމެކެވެ.

advertisement
ހިޔާލު ދެއްވާ!