މެލޭޝިޔާ އެމްބަސީން މާހިލް ޝަހީމަށް އެއްލައްކަ ރުފިޔާ ލިބޭ މަގާމެއް ނުދޭ!

މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީން ޑރ ޝަހީމްގެ ދަރިކަލުން ޢަބްދުﷲ މާހިލް ޝަހީމަށް އެއްލައްކަ ރުފިޔާގެ މުސާރައެއް ލިބޭ މަޤާމެއް ހަމަޖެއްސި ވާހަކައަކީ ދޮގެއްކަމަށް މި ނޫހަށް މަޢުލޫމާތު ލިބިއްޖެއެވެ.

މިހާރު ސޯޝަލް މީޑިއާގައި ވަރަށް ބާރަށް ފެތުރެމުންދާ މި ވާހަކައިގެ ޙަޤީޤަތް ހޯދުމަށް ކުރި މަސައްކަތުން މިވަގުތާ ހަމައަށް އެފަދަ ކަމެއް ހިގާފައި ނުވާކަން މި ނޫހަށް ވަނީ ޔަޤީންކުރެވިފައެވެ.

އެއްލައްކަ ރުފިޔާގެ މުސާރައެއް ލިބޭ ވަޒީފާއެއް މާހިލަށް ދީގެން އުޅޭ ވާހަކަ ސޯޝަލްމީޑިއާގައި ދައުރުވާލެއް ވަރުގަދަކަމުން، މާހިލްއަކީ ކާކުތޯ ބަލާލުމަކީ ނޫހުގެ ކިޔުންތެރިންގެ ޙައްޤުގައި ކުރުން މުހިއްމު މަސައްކަތެކެވެ. އެގޮތުން މާހިލްގެ މަޢުލޫމާތު ހޯދުމަށް ކުރި މަސައްކަތުން އެނގުނު ގޮތުގައި މާހިލަކީ ވިސްނުންތޫނު ތޫނުފިލި ދިވެހި ދަރިއެކެވެ.

ޑރ. ޝަހީމްގެ ދަރިކަލުން ޢަބްދުﷲ މާހިލްއަކީ ތައުލީމީ ޙަޔާތުގައި ކާމިޔާބު ޒުވާނެކެވެ.  ޖަމާލުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލާއި ތާޖުއްދީން ސްކޫލާއި އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ތަޢުލީމު ޙާޞިލްކުރި މާހިލް ސްކޫލް ދައުރު ނިންމާލީ އަހްމަދިއްޔާގެ ކެޕްޓަންކަން ކޮށްފައެވެ.

އޯލެވެލްގައި މާހިލް ވަނީ ގަދަ 10 ގައި ހިމެނިފައެވެ. އެއަށް ފަހު އިނގިރޭސިވިލާތުގެ ބްރިކްފީލްޑް އޭސިއާ ކޮލެޖުން ޤާނޫނީ ދާއިރާއިން ފައުންޑޭޝަނަށްފަހު، ވިލާ ކޮލެޖުން ޝަރީޢާ އެންޑް ލޯ އިން ފައުންޑޭޝަން ޙާޞިލްކުރިއެވެ.

ޚާރިޖީ ދާއިރާއިން ކުރިއަށް ދާ މާހިލްއަކީ ރާއްޖޭގެ ޔޫތު ލީޑަރސް ކައުންސިލްގެ މެމްބަރެއްވެސް މެއެވެ. މާހިލް ތަޢުލީމު ޙާޞިލްކުރަމުންދަނީ އިންޓަރނޭޝަނަލް ރިލޭޝަންސް ދާއިރާއިން މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މާހިލްއަކީ އެ ޔުނިވަރސިޓީގެ ހިއުމަން ސައިންސް ކޮލެޖުގެ އެބެޗްގެ 1 ވަނައެވެ. މާހިލް މިހާރު ޑިގްރީގެ ފަހު އަހަރުގައި ކިޔަވަމުންދާއިރު މާހިލްއަކީ ޔުނިވަރސިޓީ ކޮލެޖްގެ ސްޓޫޑެންޓް ޔޫނިއަންގެ ނައިބް ރައީސްވެސް މެއެވެ.

މިޚަބަރު ސޯޝަލް މީޑިއާގައި ފެތުރެމުންދާއިރު ޑރ. ޝަހީމް ވަނީ އެމަނިކުފާނުގެ ދަރިޔަކު، ނުވަތަ ޢާއިލާގެ މެންބަރަކު ކިޔަވައިގެން ހުރި ދާއިރާއަކުން ޚިދުމަތްކުރަން އެމީހަކަށް ލިބޭ ފުރުޞަތަކީ ނާޖާއިޒްގޮތުގައި ހޯދައިދޭނެ ފުރުޞަތެއްނޫންކަމުގައި ވިދާޅުވެފައެވެ. އަދި ދައުލަތުގެ މުދަލާއި މަޤާމާއި ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށްވެސް އެމަނިކުފާނު  އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ.

އަމިއްލަ މަސައްކަތުން ކުރިއަށްދާ ޒުވާނުންގެ މައިންބަފައިން ސިޔާސީ މަސައްކަތުގައި ދެމި ތިބުމަކީ، އެމީހުންގެ މުސްތަޤުބަލަށް ހިޔަނި އެޅި ޝަޚްޞިއްޔަތު ކަތިލަން ސަބަބެއްނޫނެވެ. އަދި މާހިލަކީ ދިވެހި ލޭ ހިނގާ ތަޢްލީމީ ދަރިއަކަށްވިޔަސް، މާހިލަކީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ދަރިކަލަކަށްވީތީ އޭނާއަކީ ތައުލީމެއް ނެތް ކުއްޖެއްގެ ގޮތުގައި ސިފަކޮށް އެކަށީގެން ނުވާ މަޤާމެއް ދިންކަމަށް ބުނެ،އޭނާއާއި އޭނާގެ ބައްޕާފުޅަށް ބަދު ބަސްތައް ބައެއް ފަރާތްތަކުން ރައްދުކުރަމުން ދިޔުމަކީ އިންސާފެއްނޫނެވެ.

advertisement
ހިޔާލު ދެއްވާ!