މަގުމަތި-- ފޮޓޯ: ދިޔަރެސް

ބާރު ސްޕީޑްގައި ދުއްވާ މީހުންނަށް މެސެޖު ފޮނުވުމުގެ ނިޒާމު އޮޓޮމޭޓްކުރަނީ!

ބްރިޖާއި ހައިވޭގައި ބާރު ސްޕީޑްގައި ދުއްވާ މީހުންނަށް ނަސޭހަތުގެ މެސެޖާއި ޖޫރިމަނާ މެސެޖު ފޮނުވުމުގެ ނިޒާމު އޮޓޮމޭޓްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު މިފަދައިން ވިދާޅުވެފައިވަނީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުންނެވެ.

ސަމީރު ވިދާޅުވީ ބާރު ސްޕީޑުގައި ދުއްވާ ފަރާތްތަކަށް ނަސޭހަތުގެ މެސެޖާއި ޖޫރިމަނާ މެސެޖު ފޮނުވުމުގެ ނިޒާމު އޮޓޮމޭޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިކަން ތަންފީޒުކުރުމަށް އުސޫލުތަކަށްވެސް ބައެއް ބަދަލު ގެންނަންޖެހޭ ކަމަށެވެ.

އެ މަސައްކަތްވެސް ފަށާފަވާކަން ފާހަގަކުރައްވާ ސަމީރު ވިދާޅުވީ ސްޕީޑް ކެމެރާ ތަޖުރިބާކުރުމުގެ މަރުހަލާ ވަރަށް ރަނގަޅަށް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ސަމީރު ވިދާޅުވީ ކެމެރާއިން އެއްކުރާ މަޢުލޫމާތަށް ބިނާކޮށް، ޤަވާއިދާ ޚިލާފަށް ދުއްވާ މީހުންނަށް ފިޔަވަޅު އެޅުމުގެ މެސެޖު ފޮނުވޭނީ ޓްރެފިކާ ބެހޭ ޤާނޫނާއި ޤަވާއިދަށް ބައެއް ބަދަލުތައް ގެނެސްގެން ކަމަށާއި އެކަމާ ގުޅޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.

ޖޫރިމަނާ ސްލިޕް ފޮނުވާނީ ވަކިވަރަކަށްވުރެ ބާރަށް ދުއްވީމަ ކަމަށާއި 60 ނޫނީ 70 ގައި ދުއްވައިފި ނަމަވެސް ޖޫރިމަނާ ސްލިޕް ފޮނުވާނެ ކަމަށް ސަމީރު ވިދާޅުވި އެވެ. ނަމަވެސް މިވަގުތު މެސެޖު ފޮނުވަނީ މެނުއަލްކޮށް ކަމަށާއި މިހާރު މިކަން އޮޓޮމޭޓްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!