ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް މިމަހުގެ ފަހުކޮޅު ނ. އަތޮޅުގައި ފަށަން ތައްޔާރުވެއްޖެއެވެ.
ނ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ވަނީ ޓެސްޓް ދަތުރުތައް ބާއްވާފަ އެވެ.
އާރްޓީއެލްގެ ހިދުމަތް ނ. އަތޮޅުގައި ފެށުމާއި ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ އަތޮޅުގައި ފެރީގެ ހިދުމަތުގައި ބޭނުންކުރާނީ 50 މީހުންގެ ޖާގައިގެ ދެ ފެރީއެވެ.
އާރްޓީއެލް ފެރީގެ ހިދުމަތް މިއަހަރުގެ އޮގަސްޓް މަހު ރ. އަތޮޅުގައި އަދި ސެޕްޓެމްބަރު މަހު ބ. އަތޮޅުގައި ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.
މި ފެރީ ހިދުމަތް މިހާރު ދެމުންދަނީ ޒޯން 1 (ހއ. ހދ. އަދި ށ. އަތޮޅު)، ޒޯން 2 (ޅ. އަތޮޅު)، ޒޯން 5 (ގއ. އާއި ގދ އަތޮޅު) އަދި ޒޯން 6 ( ފުވައްމުލައް އަދި އައްޑޫ ސިޓީ) ގައެވެ.
ޤައުމީ ފެރީ ނިޒާމުގައި އަތޮޅުތައް ޒޯންތަކަށް ބެހިފައިވާ ގޮތް
- ފުރަތަމަ ޒޯން: ހއ | ހދ | ށ
- ދެވަނަ ޒޯން: ނ | ރ | ބ | ޅ
- ތިންވަނަ ޒޯން: ކ | އއ | އދ | ވ
- ހަތަރުވަނަ ޒޯން: މ | ފ | ދ | ތ | ލ
- ފަސްވަނަ ޒޯން: ގއ | ގދ
- ހަވަނަ ޒޯން: ފުވައްމުލައް | އައްޑޫ ސިޓީ
އާރްޓީއެލްގެ ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ފެރީގެ ކިއުއާރް ޓިކެޓް ނެގެއެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފެށީ 12 ޖޫން 2022 ގައެވެ.