ކުނި މެނޭޖްކުރުމުގެ ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅަން މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޠާރިޤް މިހެން ވިދާޅުވީ އެ ވުޒާރާގެ މަސައްކަތްތަކާއި ބެހޭ ގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
ވަޒީރު ޠާރިޤް ވިދާޅުވީ ކުނީގެ މައްސަލަ ހައްލުކުރުމަށް އޮތް އެންމެ ބޮޑު އެއް ހިރާހަކީ ހެދިފައިވާ ޤަވާޢިދުތަކަށް ޢަމަލުނުކުރުން ކަމަށާއި ޤަވާޢިދާއި ޚިލާފަށް ޢަމަލުކުރާ ފަރާތްތައް ދެނެގަނެ އެފަރާތްތަކާއި މެދު ޤަވާޢިދުގެ ދަށުން ފިޔަވަޅު އެޅުމަށް ރަށު ކައުންސިލްތަކާ ގުޅިގެން މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
ވަޒީރު ވިދާޅުވީ ޤަވާޢިދުގައި ކުނި އެޅުން މަނާ ސަރަހައްދުތައް ސާފުކޮށް ބަޔާންކޮށްފައިވާ އިރުވެސް އެއަށް ސަމާލުކަން ނުދީ އެކި ފަރާތްތަކުން އަމަލުކުރަމުން ދާކަން ފާހަގަކުރެވޭ ކަމަށާ ޤަވާޢިދުގައި ކަނޑުގައި ދުއްވާ އުޅަނދު ފަހަރުން އެ އުޅެނދެއްގައި އުފައްދާ ކުންޏާއިމެދު ޢަމަލު ކުރަންޖެހޭގޮތް ބަޔާންކޮށްފައި އޮތް ނަމަވެސް އެއާ ޚިލާފަށް، ފެންނަނީ އުޅަނދު ފަހަރުން ކަނޑަށާއި އަދި ރަށްރަށުގެ ހޭޅިފަށަށް ކުނި ބާލާ މަންޒަރު ކަމަށެވެ.
މީގެ ހައްލެއްގެ ގޮތުން، ޤަވާޢިދާއި ޚިލާފަށް ޢަމަލު ކުރާ ފަރާތްތައް ދެނެގަނެ އެފަރާތްތަކާއި މެދު ޤަވާޢިދުގެ ދަށުން ފިޔަވަޅު އެޅުމަށް ރަށު ކައުންސިލްތަކާ ގުޅިގެން މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ކުނި މެނޭޖްކުރުމުގެ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިވާ ކަމެއް ކަމަށްވީ ނަމަވެސް، ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ކުނި ގެންދާ މައްސަލަވެސް ފާހަގަވެފައިވާ ކަމަށެވެ.
މިފަދަ މައްސަލަތަކުގެ ސަބަބުން، ރާއްޖޭގައި ހެދިފައިވާ ކުނި މެނޭޖްކުރުމުގެ ސިސްޓަމްތައް އެންމެ އެކަށީގެންވާ ފެންވަރުގައި އަދި އެންމެ އެކަށީގެންވާ ހަރަދެއްގައި ނުކުރެވޭކަން ވަޒީރު ޠާރިޤް ފާހަގަކުރެއްވިއެވެ.
ސަރުކާރުން މިހާރު ވަނީ މުޅިން އައު ޤައުމީ ސިޔާސަތުތަކެއް އެކުލަވާލާ ތަންފީޒުކުރަން ފަށާފައި ކަމަށާ މި ސިޔާސަތުގައި ހިމެނޭ އެންމެ މުހިއްމު އެއްކަމަކީ ކުނި މެނޭޖްކުރުމުގެ ޚިދުމަތް ދިނުމަށް ޕްރައިވެޓް ސެކްޓަރ އަށް ރަސްމީކޮށް ހުޅުވާލުން ކަމަށާ އެގޮތުން އަތޮޅު ފެންވަރުގައި ޚިދުމަތް ދިނުމަށް އަތޮޅު ކައުންސިލްތަކަށްވެސް މިހާރު ހުރަހެއް ނެތް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ވިޔަފާރިއެއްގެ ގޮތުގައި ރީސައިކަލް ކުރުމަށް ހުޅުވާލުމަކީވެސް މިސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާ އެ ކަމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު މިނިސްޓްރީން މިހާރު ވަނީ އެކުލަވާލާ، ގެޒެޓް ކުރުމުގެ މަސައްކަތް ފަށާފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ޠާރިޤް ވަނީ ސަރުކާރުން ކުރިއަށްގެންދާ އިޔާދަކުރުވަނިވި ހަކަތައިގެ މަޝްރޫޢުއާ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫއުއަށްވެސް އަލިއަޅުއްވާލައްވައިފައެވެ.