ރާއްޖޭގެ ދަރަންޏަށް މިސަރުކާރުން ހައްލު ހޯދައިދޭނެ: ވަޒީރު

ރާއްޖޭގެ ދަރަންޏަށް މިސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި  ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތް ކުރައްވަނީ އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް ކަމަށެވެ.

އަދި އެމަނިކުފާނާއި މާލީ ވަޒީރު އަދި އެމަނިކުފާނު އުފައްދަވާފައިވާ އިކޮނޮމިކް ކައުންސިލް ގުޅިގެން ކުރައްވާ މަސައްކަތުން ޤައުމު ބަނގުރޫޓުވިޔަ ނުދެއްވާނެ ކަމަށާއި ރާއްޖެއަށް ބޭނުންވާ ބޭރު ފައިސާ ހޯދައިދީ، ބޭރުގެ ދަރަންޏާއި އެތެރޭގެ ދަރަނިވެސް ދައްކައި އެކަމަށް ހައްލު ހޯދައިދެއްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމުގެ ގޮތުން ހުވަދު އަތޮޅާއި ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް އަމާޒުކޮށްގެން މަސައްކަތްތައް ކުރިއަށްގެންދާކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ މިހާރުވެސް ޗައިނާގެ އެކި ޕްރޮވިންސްތަކުން އައްޑޫ ސިޓީއަށް ސީދާ ދަތުރުތައް ފެށުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

ސީޕްލޭންގެ ޚިދުމަތް ފަށައި ތިން އަތޮޅުގެ ކަނެކްޓިވިޓީ ރަނގަޅުކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށާއި ކަނެކްޓިވިޓީ ރަނގަޅުވުމުން އައްޑޫގެ ޝަންގްރިއްލާ ހިންގަމުންދާ ފަރާތްތަކުން އަމިއްލައަށްވެސް އެތަނުގެ އޮޕަރޭޝަން ފަށަން ބޭނުންވާނެކަމަށް ވަޒީރު ވިދާޅުވިއެވ.

އެމަނިކުފާނުވަނީ މިހާރުވެސް އެތަން އޮޕަރޭޝަނަށް ގެނައުމަށް މަޝްވަރާތައް ކުރެވެމުންދާކަން ފާހަގަ ކުރައްވަފައެވެ.

އަދި އައްޑޫގެ ޓޫރިޒަމް ޒޯންތައް ތަރައްގީކުރުމަށް ބީއެމްއެލް އާއި އެމްއައިބީއާ ގުޅިގެން ފައިސާ ހަމަޖެއްސުމުގެ މަޝްވަރާތައް ކުރެވެމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!