ރިސޯޓު ހެދުމާ ދެކޮޅަށް ބަޔަކު މުޒާހަރާ ކުރި ނަމަވެސް އެ މަޝްރޫއު ނުހުއްޓުވޭނެ ކަމަށް ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ ޕީއެންސީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝުޖާއު ވިދާޅުވީ ވ. ބޮޑުފިނޮޅުގައި ރިސޯޓެއް ހަދަން ސަރުކާރުން ދިވެހި ކުންފުންޏެއް ކަމަށްވާ ކާނި ހޮޓެލްސް އަށް ދީފައިވާތީ އެ ތަނުގައި ރިސޯޓު ހެދުމާ ދެކޮޅަށް ބަޔަކު މުޒާހަރާ ކުރި ނަމަވެސް އެ މަޝްރޫއު ނުހުއްޓުވޭނެ ކަމަށާއި އެ މަޝްރޫއަށް ހުރަސް އަޅާ ނަމަ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ޝުޖާއު ވިދާޅުވީ ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތައް ހުއްޓުވުމުގައި އަޑީގައި ތިބޭ ބަޔަކީ އެމްޑީޕީ ކަމަށާއި އެ މާޒީ ތަޖުރިބާ ކުރި ކަމުގައި ވިޔަސް، ކުރިއަށް އޮތް ތަނުގައި މުޒާހަރާކޮށްގެން މަޝްރޫއުތައް ނުހުއްޓުވޭނެ ކަމަށެވެ.
އަަދި އެމްޑީޕީން މީގެކުރިން މުޒާހަރާކޮށްގެން އަންނަން ހުރި މަޝްރޫއުތަކެއް ވެސް ހުރީ ހުއްޓުވާފައި ކަމަށާއި އޭގެ ނޭދެވޭ އަސަރުވެސް ކުރި ކަމަށެވެ.
"އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުން ވަނީ ތިކަން ހުއްޓާލާށޭ. މި ސަރުކާރަށް، ދައުލަތަށް އާމްދަނީ ލިބޭ، ދައުލަތުގެ މާލިއްޔާ އަށް ލިބޭ ފައިދާ ހުރަސް އަޅާ މީހުންނާ ދޭތެރޭގައި ގާނޫނީ ފިޔަވަޅު މި ސަރުކާރުން އަޅާނަމޭ. އަދި މިކަމަށް ހިތްވަރުދޭ މީހުން ވެސް، އެއީ ވެރިކަންކޮށްފައި ހުރި މީހެއްތޯ ނޫންތޯ ނުބަލާ ގާނޫނީ އިމުގެ ތެރެއިން އެމީހަކަށް ދޭން ޖެހޭ ހައްގު އަދަބު ދޭން މި ސަރުކާރުން ފަސް ނުޖެހޭނެ ވާހަކަ މި ފުރުސަތުގައި ދަންނަވަން." ޝުޖާއު ވިދާޅުވިއެވެ.