މިގައުމުގެ ރައްޔިތުންނަށް ކޮޅަށް ތެދުވެވުނީ އެމްޑީޕީގެ މެމްބަރުންގެ މަސައްކަތުން ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވުން އާޒިމް ވިދާޅުވީ މިގައުމަށް ލިބުނު ތަރައްގީއެއް ލިބުނީ އެމްޑީޕީގެ މެމްބަރުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.
އަދި އިސްރަށްވެހިންގެ އިނާޔާތްތަކާއި އެކަނިވެރި މައިންނަށް ލިބޭ ފައިސާގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ ފައިސާއަކީ އެ ޕާޓީގެ ވެރިކަމުގައި ކުރި މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ
އަޒިމް ވިދާޅުވީ ތައުލީމީ ދާއިރާއަށް ނަޒަރު ހިންގާއިރު ފޮތް ލިސްޓް ހިލޭ ދިނުމާއި ހިލޭ ޑިގްރީގެ ސްކީމް ވެސް ތަޢާރަފު ކުރީ އެމްޑީޕީގެ ސިޔާސަތުގައި ކަމަށެވެ.
އަދި އާޒިމް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ތައާރަފުކުރި އާރްޓީއެލްއާއިއެކު ދަތުރުފަތުރުގެ ފަސޭހަކަން ވެސް ލިބެމުންދާ ކަމަށެވެ.
އާޒިމް ވިދާޅުވީ މި ސަރުކާރަށް މި ހޭދަވި ހަތް މަސްދުވަހު ބާރަށް ކުރެވުނު ކަމަކީ "އާރުޓީއެލްއަށް އަރައިގެން ދުއްވާލުން" ކަމަށާއި އެއީވެސް އެމްޑީޕީގެ މަސައްކަތް ކަމަށެވެ.
އެހެންކަމުން، އެ ފަރާތްތަކަށް މިއަދުވެސް ދެއްކޭނީ ކުރީ ސަރުކާރޭ ކިޔައި، އެމްޑީޕީގެ ތަރައްގީގެ މަސައްކަތް ކަމަށް ފަހަގަ ކުރައްވާ އާޒިމް ވިދާޅުވީ އާރުޓީއެލް ވެސް ކުރިޔަށް ގެންދެވޭނެ ކަމަށާއި މުވައްޒަފުން ތަމްރީނުކުރުމުން ފެށިގެން، ލޯންޗު ބަންނާނެ ގޮތް، އަދި ދަތުރުފަތުރުގެ ކަންކަން ކުރާނެ މަގު އެކުލަވައި ފިސާރި ވަރުގަދަ ފައުންޑޭޝަނެއް އޮންނާނެ ކަމަށެވެ.