ޢާޝޫރާ ދުވަހު ރޯދަހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުށްފާފަތައް ފުއްސަވާނެ ޢަމަލެއް: ޚުޠުބާ

ޢާޝޫރާ ދުވަހު ރޯދަހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުށްފާފަތައް ފުއްސަވާނެ ޢަމަލެއް ކަމަށް އުއްމީދު ކުރައްވާ ކަމަށް ރަސޫލާ ޞ.ޢ.ވ. ޙަދީޘް ކުރެއްވި ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ޢާޝޫރާ ދުވަހުގެ މާތްކަން" މި ސުރުޙީގެ ދަށުން މިއަދު ދެއްވި ޚުޠުބާގައި ވިދާޅުވީ މުސްލިމުންނަށް ޓަކައި، މާތް ﷲ ޚާއްޞަކުރައްވާފައިވާ ދުވަސްތަކުގެ މަތީން ހަނދުމަކޮށް އެއިން ޢިބްރަތް ޙާޞިލުކުރުން ހުރި ކަމަށާ އެއީ އެކަލާނގެ ނިޢުމަތްތައް ހަނދުމަކޮށް އެކަލާނގެ މަންހަޖަށް ތަބާވުމަށް ޓަކައި ކަމަށާ މުޙައްރަމް މަހުގެ ދިހަވަނަ ދުވަހަކީ، ނުވަތަ ޢާޝޫރާ ދުވަހަކީ، ހެޔޮކަމާއި، ޒިކުރާތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށެވެ.

ޢާޝޫރާ ދުވަހަކީ، ފިރުޢައުނުގެ ކިބައިން مُوْسَىގެފާނު ސަލާމަތްކުރައްވައި، ފިރުޢައުނާއި، އޭނާގެ ލަޝްކަރު ޣަރަޤުކުރެއްވި ދުވަސް ކަމަށާ މިކަމާއި ގުޅިގެން މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައީ  "ތިމަންރަސްކަލާނގެ އަނެއްބައިމީހުން (އެބަހީ: فِرْعَوْن އާއި އޭނާގެ قَوْمُ ގެ މީހުން) އެ ތަނަށް ކައިރިކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ مُوْسَى ގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ އެންމެން (غَرَقُން) ސަލާމަތްކުރެއްވީމެވެ. ދެން ތިމަންރަސްކަލާނގެ އެހެން މީހުން (އެބަހީ: كَافِرُ ން) غَرَقُ ކުރެއްވީމެވެ." މިފަދައިން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

މި ފަދަ ޙާދިސާތަކުގައި، ގިނަގުނަ ޢިބުރަތްތަކާއި ދަރުސްތައް ވާކަމަށާ މީގެ އެންމެ މުހިންމު ފިލާވަޅަކީ، اللهُ سُبْحَانَهُ وَتَعَالَى އެކަލާނގެއަށް އީމާންވާ މީސްތަކުންނާއި، އެކަލާނގެ ނަބިއްޔުންނާއި ރަސޫލުން، ބޮޑެތި މުޞީބާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، އީމާންކަން ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ ފިލާވަޅު ކަމަށާ މި ފަދަ ޙާދިސާތަކުން އެނގެނީ، މުޞީބާތްތަކުން ސަލާމަތް ވެވޭނީ، އީމާންކަމާއި އިސްލާމްކަމުން ކަމުން ކަމަށާ އާޚިރަތުގައި ނަޞްރާއި ނަޞީބު ލިބުމުގެ މަގަކީ އެއީކަން ކަމަށާ މާތް ﷲ އަށް އިތުބާރުކޮށް، އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވެގެން މެނުވީ ދެ ދުނިޔޭގައި ވެސް ސަލާމަތެއް ނެތްކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ފިރުޢައުނު ޣަރަޤުކުރެއްވި ޙާދިސާއިން އެނގެނީ، މާތް الله އަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް، ގަދަފަދަ ޢަޛާބުން ޢަޛާބުދެއްވައި، ނެތިކުރައްވާނެކަމަށާ އެ މީހުންނަށް އެ ކަމުގައި ކާމިޔާބު ނުލިބޭނެކަމަށާ އަދި އަހަރެމެން ފަސާދަޔާ ދެކޮޅަށް ތެދުވާން ޖެހޭނެކަމަށާ ހަމައެހެންމެ، މާތް ﷲއަށް އީމާންވާ މީހުންނަށް ދުނިޔޭގައި ވެސް ޢިއްޒަތާއި، ޝަރަފާއި، ޤަދަރު ދެއްވާނެކަން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ކީރިތި ރަސޫލާ ޞ.ޢ.ވ. މަދީނާއަށް ހިޖުރަކުރެއްވިއިރު އެ ރަށުގެ ޔަހޫދީން ޢާޝޫރާ ދުވަހު ރޯދަހިފާ ކަމަށާ އެހެންކަމުން އެމީހުނާ ތަފާތުވުމުގެ ގޮތުން ޢާޝޫރާ ދުވަހު  ރޯދަ ހިފާ މީހާ ޢަމަލުކުރާންވީ ގޮތް، ކީރިތި ރަސޫލާ ޞ.ޢ.ވ. ގެ ސުއްނަތުން އެނގެން އޮންނަ ކަމަށާ އެކަލޭގެފާނު ޙަދީޘްކުރައްވީ (صُوْمُوْا يَوْمَ عَاشُوْرَاءَ، وَخَالِفُوْا فِيْهِ الْيَهُوْدَ، صُوْمُوْا قَبْلَهُ يَوْمًا أَوْ بَعْدَهُ يَوْمًا) މާނައީ: "ތިޔަބައިމީހުން عَاشُوْرَاء ދުވަހު ރޯދަހިފާށެވެ! އަދި އެ ކަމުގައި ތިޔަބައިމީހުން ޔަހޫދީންނާ ޚިލާފުވާށެވެ! އެދުވަހާއެކު އޭގެ އެއް ދުވަސް ކުރިން (އެބަހީ: ނުވަވަނަ ދުވަހު) ނުވަތަ އެއް ދުވަސްފަހުން (އެބަހީ: އެގާރަވަނަ ދުވަހު) ތިޔަބައިމީހުން ރޯދަހިފާށެވެ!" މިފަދައިން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ޢާޝޫރާ ދުވަހު ރޯދަ ހިފުން ފިޔަވައި، އެ ދުވަހާއި އެރޭ "ޢާޝޫރާ ދުޢާ" ގެ ނަމުގައި ވަކި ދުޢާއެއް ކުރުމާއި، އެ ރެއާއި އެ ދުވަހު ވަކި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރުޢުކުރައްވައިފައެއް ނެތް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

މުޙައްރަމް މަހަކީ، މާތް ﷲ ޙުރްމަތްތެރި ކުރައްވާފައިވާ މަހެއް ކަމަށާ ރަމަޟާން މަހަށްފަހު ރޯދަ ހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުޙައްރަމު މަސްކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!