މަދީނާ އިންވެސްޓްމަންޓްގެ ސްކޫލް އަޅަން ބިން ހޯދާފައިވަނީ އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރުގެ ޢާއިލާއަށް ނިސްބަތްވާ މަދީނާ އިންވެސްޓްމެންޓް ކުންފުންޏާ ބެހޭ ގޮތުން މީސްމީޑިއާގައި ބައެއް ފަރާތްތަކުން ފަތުރަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވާ ޑރ. ޝަހީމް ވިދާޅުވީ މަދީނާ އިންވެސްޓްމަންޓްގެ ސްކޫލް އަޅާ ބިން ހޯދާފައިވަނީ ނުހައްޤުން ކަމަށް ބުނެ ފަތުރަމުން ދަނީ މުޅިން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
މި ބިމާ ގުޅޭގޮތުން މީސްމީޑިއާގައި މަޝްހޫރު ޙަސަން ކުރުސީ އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ޑރ. ޝަހީމްގެ އަލްމަދީނާ އިންވެސްޓްމެންޓްސްއަށް އެޗްޑީސީން ބިމެއް ދީފައިވާ ކަމަށެވެ. އަދި އެޗްޑީސީން އެ ބިން ދީފައިވަނީ މިދިޔަ އަހަރު ކަމަށާ ނަމަވެސް އެއްބަސްވުމަށް ޑރ. ޝަހީމް ބޭނުންފުޅުވާ ބަދަލު ތަކެއް ގެނެސް އެގްރީމެންޓްގައި ސޮއިކުރީ 22 ޖަނަވަރީ 2024 ގައި ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ އެ ސްކޫލްއަޅާ ބިމަކީ އޮންނަ އުޞޫލުން އެންމެހައި އިޖްރާއާތުތައް ފުރިހަމަކޮށް ކުރީގެ ސަރުކާރުގެ ދުވަސްވަރު (އެމްޑީޕީ ސަރުކާރުގައި) ހަމަޖެހުނު ބިމެއް ކަމަށެވެ.