ފޮޓޯ: އައިއޭސީ

ޣައްޒާގެ ރައްޔިތުންނަށް އެހީވާ އަލްޚައިރު ފައުންޑޭޝަންގެ ޑިރެކްޓަރ ޝަހީދުކޮށްލައިފި!

ޣައްޒާގެ ރައްޔިތުންނަށް އެހީވާ އަލްޚައިރު ފައުންޑޭޝަންގެ ޑިރެކްޓަރ ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ ރައްޔިތުންނަށް އެހީވާ ރާއްޖޭގެ ޖަމްޢިއްޔާއެއް ކަމަށްވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން، އައިއޭސީން ބުނީ އެ ޖަމްޢިއްޔާގެ އެންމެ ގާތް އެއް ޕާރޓްނަރ ޖަމިއްޔާ ކަމަށްވާ "އަލްޚައިރް ފައުންޑޭޝަން" ގެ ޚާންޔޫނިސްގައި ހުންނަ އޮފީހަށް އިއްޔެ ވަނީ ސީދާހަމަލާއެއް ދީފައި ކަމަށެވެ.
އަދި އެ ހަމަލާގައި ޚާންޔޫނިސް އޮފީހުގެ ޑައިރެއްކްޓަރ ހިސާމް މަންސޫރް ވަނީ ޝަހީދުކޮށްލެވިފައި ކަމަށެވެ.
މި ޙަމަލާއާ ގުޅިގެން އައިއޭސީން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ހިސާމް މަންސޫރަކީ ޣައްޒާގެ ގެތަކުގެ މަރާމަތާއި ހަވާލުވެ އެކަންކަން އިންތިޒާމްކޮށް ހިންގުމާއި މިވަގުތު ހަވާލްވެ ހުންނެވި ފަރާތް ކަމަށެވެ.
އައިއޭސީއާ އެކު 2018 ވަނަ އަހަރުން ފެށިގެން އެތައް ގިނަ މަޝްރޫޢުތަކެއްގައި ވަނީ ހިސާމް މަސައްކަތް ކޮށްދެއްވާފައި ވާކަމަށް އައިއޭސީން ބުނެފައިވެއެވެ.
އެ ޖަމްޢިއްޔާއިން ބުނީ ގިނަ މުވައްޒަފުން އެވަގުތު ތިބީ އެކި ހިސާބުތަކުގައި އެހީ ބެހުމުގެ މަސައްކަތުގައި ކަމަށާ މި ހިތާމަވެރި ހާދިސާގެ ސަބަބުން ޣައްޒާއަށް އެހީވުމަށް އިތުރު ރޫޙަކާއި ހިތްވަރެއް ލިބުން ނޫންކަމެއް ނުވާނެ ކަމަށާ ފަހަތައްޖެހި ހުއްޓުުން ނާރާނެ ކަމަށެވެ.
ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުން އަންނަ ހަމާސް ޖަމާޢަތް ނައްތާލުމަށް ކަމަށްބުނެ، ނިރުބަވެރި ޔަހޫދީން ޣައްޒާއަށް ބޮންއަޅަމުން އަންނަތާ 281 ދުވަސް ވެފައިވާއިރު، މި ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 38،345 ޣައްޒާ ރައްޔިތުން ވަނީ ޝަހީދުކޮށްފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މީގެއިތުރުން 88،295 މީހުންނަށް ވަނީ ބޮޑެތި ޒަހަމްތައް ލިބިފައެވެ. ބޮންއެޅުމުގެ ސަބަބުން ވެއްޓިފައިވާ ގެތަކުގެ ދަށުގައި ތާށިވެފައި 10 ހާހަށްވުރެ ގިނަމީހުން ވާނެ ކަމަށް ބެލެވޭއިރު، 9،500 އަށްވުރެ ގިނަ މީހުން ވަނީ ޔަހޫދީން ހައްޔަރަށް ގެންގޮސް ޖަލުތަކުގައި ބަންދުކޮށްފައިވާ ކަމަށް ފަލަސްޠީނުގެ އިދާރާތަކުން ބުނެއެވެ.

advertisement
ހިޔާލު ދެއްވާ!