ފުށް ފެކްޓަރީގެ މަސައްކަތްކުރިއަށް ނުގެންދިޔުމަށް ސްޓްރޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ބޯޑުން ނިންމާފައިވާ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޝިމާދު މިފަަދައިން ވިދާޅުވީ އެކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އައު ވިޔަފާރިތަކެއްގެ ތެރެއަށް ވަނުމަށް އެސްޓީއޯއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފުށް ފެކްޓަރީއެއް އެޅުމުގެ މަސައްކަތް ދިޔަ ހިސާބާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޝިމަދު ވިދާޅުވީ އެންމެ ފަހުން ހެދި ފީސިބިލިޓީ ސްޓަޑީއިން މިއީ ފައިދާވާނެ ވިޔަފާރިއެއް ކަމަށް ނުފެންނާތީ އެ ވިޔަފާރީގެ ތެރެއަށް ނުވަނުމަށް އެސްޓީއޯގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
އަދި އައު ވިޔަފާރިތަކުގެ ތެރެއަށް ވަނުމަށް ކުރަމުންދާ މަަސައްކަތްތަކުގެ ތެރެއިން ބަންކަރިންގެ ޚިދުމަތް އަންނަ މަހުގެތެރޭ ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޝިމާދު ވިދާޅުވީ މި ޚިދުމަތް ފެށިގެން ދަނީ ކުރިން ދެންނެވި މުއްދަތުގެ ތެރޭގައި ކަމަށެވެ.
"މާރޗުމަހު ޓާރމު ޝީޓުގައި ސޮއިކުރި އިރުވެސް ބުނެފައިވާނީ 6 މަސްދުވަސްތެރޭ ފެށޭނެ ކަމަށް، 6 މަސް ދުވަސްވާނީ މިއަންނަ ސެޕްޓެމްބަރަށް، އެއަށްވުރެ ކުރިން މިއަންނަ އޮގަސްޓުމަހު ތެރޭގައި މިބަލަނީ އަމަލީ މަސައްކަތް ފެށޭތޯ." ޝިމާދު ވިދާޅުވިއެވެ.