ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އދ. އިން އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށްވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ، އަންރުވާ އަށް ރާއްޖެއިން ކޮންމެ އަހަރަކު ދޭ ފައިސާގެ އެހީ 50،000 ޑޮލަރު (771،000 ދިވެހި ރުފިޔާ) އަށް އިތުރުކުރަން ނިންމައިފި އެވެ.
އދ. ގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި "އަންރުވާ ފްލެޖިންގް ކޮންފަރެންސް" ގައި ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވީ ފަލަސްތީނަށް އެހީވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ބޭއްވި ޓެލެތޯނަށް 18.4 މިލިއަން ރުފިޔާ އާއި 49،800 ޑޮލަރު ލިބިފައިވާ ކަމަށެވެ.
އަދި ޓެލެތޯނަށް އާންމުން ހަދިޔާކުރި ފައިސާ އަންރުވާ މެދުވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ފަލަސްތީނަށް އެހީވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައް ހަރަކާތްތަކެއް ކުރިއަށް ގެންދެއެވެ.
ފަލަސްތީނަށް އެހީވުމަށް ދައުލަތުގެ މީޑިއާ ކަމަށްވާ ޕީއެސްއެމް އިން ކުރިއަށް ގެންދިޔަ ޓެލެތޯނަށް ދިރާގުން ތިން ލައްކަ ރުފިޔާ ހަދިޔާކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ހަމައެހެންމެ މިޓެލެތޯނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފައިވެ އެވެ.