ޝަމްނާޒް އާއި އޭނާގެ ކޮއްކޮ ބަންދުން ދޫކޮށްލައިފި

ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އެންވަޔަރަމަންޓުގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ބަންދުން ދޫކޮށްލައިފިއެވެ.

އެމައްސަލައިގައި ޝަމްނާޒް އާއިއެކު ބަންދުކުރި އޭނާގެ ކޮއްކޮ، އެންވަޔަރަމަންޓް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ކަމުގައި ހުރި ސަނާ ވެސް ވަނީ ބަންދުން ދޫކޮށްލާފައެވެ.

ފުލުހުން ބުނީ އެމީހުން ދޫކޮށްލީ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ ކަމަށެވެ. އެމީހުން ދޫކޮށްލިނަމަވެސް، މައްސަލަ ތަހުގީގުކުރަމުންދާނެ  ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެމީހުންނާއެކު ބަންދު ކުރި އަނެއް މީހާ ދޫކުރި ކަމުގެ މައުލޫމާތެއް ފުހުން ހިއްސާކޮށްފައި ނުވެއެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޝަމްނާޒް އާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، 7 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

އޭގެ ފަހުންވެސް ޝަމްނާޒްގެ ބަންދަށް އިތުރު 7 ދުވަސް ޖަހައި، މައްސަލައާއި ގުޅިގެން ޝަމްނާޒް މަގާމުން ސަސްޕެންޑްކޮށް، އޭނާގެ ކުރީގެ ފިރިކަލުން ރަމީޒްވެސް ރައީސް އޮފީހުގެ މިނިސްޓަރު ކަމުން ސަސްޕެންޑް ކޮށްފައެވެ.

advertisement
ހިޔާލު ދެއްވާ!