އެމެރިކާގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަ ކުރައްވާ ކުރީގެ ރައީސް ޓްރަމްޕަށް ބަޑިން ހަމަލާދީ އެ މަނިކުފާނު ޒަހަމް ކޮށްލައިފި އެވެ.
ރައީސް ޓްރަމްޕަށް މި ހަމަލާ ދިނީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް އިޢްލާންކުރަން ވަގުތު ކުޑަތަންވެފައިވާތީ އެންމެ ފަހުގެ ކެމްޕޭން އިވެންޓްތައް ކުރިޔަށްގެންދިޔުމުގެ ތެރެއިން ޕެންސިލްވޭނިޔާގައި އޮތް ކެމްޕޭން އިވެންޓެއްގައި ސްޓޭޖް މައްޗަށް އަރާވަޑައިގެން ޕޯޑިއަމްގައި ޓްރަމްޕް ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށެވެ.
މި ހަމަލާގައި އެ މަނިކުފާނުގެ ކަނާތު ކަންފަތްޕުޅު ވަނީ ޒަހަމްވެފައެވެ. އާންމުވެފައިވާ ވީޑީއޯތަކުން ފެންނަ ގޮތުން ބަޑީގެ އަޑުފަށްގަނޑެއް އިވުމާއެކު ޓްރަމްޕް ވަނީ ކަންފަތްޕުޅުގައި އަތްއަޅުއްވާފައެވެ. ސީކްރެޓް ސާރވިސްއިން ރައީސް ޓްރަމްޕް ވަށާލައި ރައްކާތެރި ހިސާބަކަށް ގެންދިޔައިރު އެމަނިކުފާނުގެ ކަންފަތްޕުޅުން ލޭ އޮހޮރޭ މަންޒަރު ފެނެއެވެ.
ރައީސް ޓްރަމްޕަށް ހަމަލާ ދިނީ ކެމްޕޭން ރެލީގެ ތެރޭގައި ހުރި މީހެކެވެ. ސީކްރެޓް ސާރވިސްއިން ވަނީ އެ ޙަމަލާ ދިން މީހާ މަރާލާފައެވެ. މިޙާދިސާގައި ޙަމަލާދިން މީހާގެ އިތުރުން ރެލީގައި ބައިވެރިވި ޢާއްމުންގެ މީހަކާއި ސީކްރެޓް ސާރވިސްގެ މީހަކުވެސް ވަނީ މަރުވެފައެވެ. އަދި ބައެއް މީހުން ވަނީ ޒަޚަމްވެފައެވެ.
ޓްރަމްޕްގެ ކެމްޕެއިން ތަރުޖަމާނު ސްޓީވަން ވިދާޅުވީ ހަމަލާއަށް ފަހު ރައީސް ޓްރަމްޕްގެ ހާލުކޮޅު ރަނގަޅު ކަމަށާއި ހާލަތު މޮނިޓާ ކުރަމުން އަންނަ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ރައީސް ޖޯ ބައިޑަން ވިދާޅުވީ ޓްރަމްޕްގެ ހާލަތު ރަނގަޅުކަން އެނގި ވަޑައިގަތުމާ ގުޅިގެން އެކަމާ އުފާކޮށް ޝުކުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް ޓްރަމްޕާއި އާއިލާއަށާއި ރެލީއަށް ދިޔަ މީހުންނަށް ހެޔޮ ދުއާ ކުރާ ކަމަށާއި ސީކްރެޓް ސާވިސްގެ ފަރާތުން ރައްކާތެރިކަން ދެވުނީތީ ޝުކުރުވެރިވާ ކަމަށް ވެސް ރައީސް ބައިޑަން ވިދާޅުވި އެވެ.
ޓްރަމްޕަށް ދެވުނު ޙަމަލާއާ ގުޅިގެން ރައީސް ބައިޑެން ވަނީ ކެމްޕެއިން ޙަރަކާތްތައް މެދުކަނޑާލާފައެވެ.