ސައިން ލެންގުއޭޖް ދަސްކޮށްދޭ ކޯސްތަކެއް ފަށަން ނިންމައިފި

ސައިން ލެންގުއޭޖް ދަސްކޮށްދޭ ކޯސްތަކެއް އަންނަ މަހު ފަށާ ގޮތަށް ޖެންޑާ މިނިސްޓްރީން ނިންމައިފި އެވެ. ސަރުކާރުން ހިންގާ "ސަރުކާރު" ނޫހުގައި ޝާއިއު ކޮށްފައިވާ އާޓިކަލެއްގައި ޖެންޑާ މިނިސްޓްރީން ބުނީ ބޭސިކް ސައިން ލޭންގުއޭޖް ކޯހަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އިޝާރާތުން މުއާމަލާތުކުރުމަށް ފަރުމާ ކުރެވިފައިވާ ކޯހެެއް ކަމަށެވެ.

ސައިން ލެންގްއޭޖް ކޯސް ފަށަން ހަމަޖެހިފައިވަނީ އަންނަ އޮގަސްޓު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގަ އެވެ. ޖެންޑާ މިނިސްޓްރީން ބުނީ އެ ކޯސް ކުރިއަށް ގެންދަން ނިންމާފައިވަނީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމްގެ އިސްނެންގެވުމުގެ މަތިން ކަމަށެވެ.

ފުރަތަމަ މަރުހަލާގައި ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކުގައި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ހިދުމަތްދޭން ތިބޭ މުވައްޒަފުންނަށްވެސް މި ކޯސް ކުރިއަށް ގެންދިއުމުގައި އިސްކަން ދެވޭނެކަމާއި، މިއީ ކިޔަވާދަރިވަރުން އަމިއްލައަށް މަސައްކަތްކޮށްގެން ދެވިފައިވާ މުއްދަތެއްގެ ތެރޭގައި ނިންމާގޮތަށް ފަރުމާ ކުރެވިފައިވާ ކޯހެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

މި ކޯހަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިރިއުޅުމުގެ އެކި ކަންކަމުގައި ދިމާވާ ގޮންޖެހުންތައް މަދުކޮށް، އެހެން މީހުންނެކޭ އެއްފަދައިން މުޖުތަމައުގެ އެކި ކަންކަމުގައި ބައިވެރިވެ އުޅުމުގެ ފުރުޞަތު އެފަރާތްތަކަށް ވެސް މަގުފަހި ކޮށްދިނުމުގެ ގޮތުން ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

advertisement
ހިޔާލު ދެއްވާ!