ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް ފުލުހުންނާ އިމިގްރޭޝަން ގުޅިގެން ރޭ ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަންގައި 3 ބިދޭސީން ހިންގަމުންދިޔަ ތަނެއް ބަންދުކޮށްފައި ވާކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުޙައްމަދު ޝައްމާނު ވަޙީދު ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅިގެން ޝައްމާނު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤަވާޢީދާ ޚިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، ރޭ ވަނީ މާލޭގައި ޓޭކްއަވޭ/ކެފޭ ހިންގަމުންދާ 4 ތަނެއް ބަލައި ފާސްކޮށް، ބިދޭސީ 6 ފިރިހެނަކާއި 1 އަންހެނެއް އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައި ކަމަށެވެ.
ޝައްމާނު ވިދާޅުވީ މީގެތެރެއިން 3 ބިދޭސީން ހިންގަމުންދިއަ ކެފޭއެއް ވަނީ ބަންދުކުރެވިފައި ކަމަށެވެ.
އަދި އިމިގްރޭޝަންގެ ވެހިކަލަށް ގެއްލުން ދިނުމުގެ ސަބަބުން ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީއެއް ވެސް މީގެތެރޭގައި ހިމެނޭ ކަމަށާ މިފަރާތްތަކާމެދު އިމިގްރޭޝަން ޤާނޫނުގެ ދަށުން އެންމެ ހަރުކަށި ފިޔަވަޅު އެޅިގެންދާނެ ކަމަށް ވެސް ޝައްމާނު ވިދާޅުވިއެވެ.
ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމުގެ އިތުރުން، ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ފަރާތްތަކާމެދުވެސް، ޤާނުނުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެކަމަށް ޝަމްޢާން ކުރިން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް ފުލުހުންނާ އިމިގްރޭޝަން ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގައި މާރުކޭޓުތަކާއި މާލެ ތެރޭގައި ހުރި ވިޔަފާރިކުރާ އެކިއެކި ތަންތަން އަދި ކާބޯތަކެތީގެ ވިޔަފާރި ކުރާ ތަންތަނަށް ޢަމާޒުކޮށްގެން ކުރިއަށް ގެންދާއިރު، މިހާތަނަށް 130އަށްވުރެ ގިނަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.