5 އަހަރުގެ މެދުކެނޑުމަކަށްފަހު ދީނީ ޢިލްމުވެރިންގެ މަހާސިންތާ ބާއްވަނީ

ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު، ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ މަހާސިންތާ ބޭއްވުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.

ދިވެހިރާއްޖޭގެ ހުރިހާ ދީނީ ޢިލްމުވެރިންނަށް އަމާޒުކޮށްގެން އެ ވުޒާރާއިން ބާއްވާ މި މަހާސިންތާއަށް ކަނޑައަޅާފައިވާ މައުޟޫއަކީ "އިސްލާމީ ރިވެތި އަޚްލާޤާއި އަޚްލާޤު ހިމާޔަތްކުރުމުގައި ޢިލްމުވެރިންގެ ދައުރު" އެވެ.

މި މަހާސިންތާ ކުރިއަށްދާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައެވެ. މި މަހާސިންތާގައި ސީދާ ހާޒިރުވެގެންނާއި އޮންލައިންކޮށްވެސް ބައިވެރިވެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.

ޢިލްމުވެރިންގެ މަހާސިންތާގެ އިތުރުންވެސް ދީނީކަންކަމާއި ގުޅުން ހުރި ދާއިރާތަކުން، މިއަހަރު އިތުރު މަހާސިންތާތަކެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ތާވަލްކޮށްފައެވެ.

 

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަހާސިންތާތައް:

– ޖަމްޢިއްޔާ މަހާސިންތާ – 4 ސެޕްޓެމްބަރ

– އިމާމުންގެ މަހާސިންތާ – 21 ސެޕްޓެމްބަރު

– ޒަކާތު މަހާސިންތާ – 26 އޮކްޓޯބަރު

– ޙައްޖާއި ޢުމްރާގެ މަހާސިންތާ – އޮކްޓޯބަރު

– ފަތުވާ މަޖްލިސް މަހާސިންތާ – ނޮވެމްބަރު

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރިގޮތުގައި މިފަދަ މަހާސިންތާތަކެއް ރާވާ ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ ދީނީ ކަންކަމަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ކަނޑައެޅިފައިވާ ދާއިރާތަކުން ޚިދުމަތް ދިނުމުގައި މަސައްކަތްކުރާ ފަރާތްތަކުގެ މަޢުލޫމާތު މުއްސަނދިކޮށް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމެވެ. އަދި ސައްހަ އަޤީދާ ކިޔައިދިނުމުގައި ދީނީ އިލްމުވެރިންގެ ދައުރު ފުޅާކުރުމެވެ.

މީގެ އިތުރުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެމަނިކުފާނުގެ އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ފަސް އަހަރު ދުވަހުގެ މެދުކެނޑުމަށް ފަހު، ރާއްޖޭގެ ދީނީ އިލްމުވެރިންގެ އަހަރީ މަހާސިންތާ ބޭއްވިގެންދާކަމީ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިފަހަރުގެ މަހާސިންތާގެ އަމާޒަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމަށް ޤައުމީ ތަޞައްވަރަކާމެދު މަޝްވަރާކުރުންކަމުގައިވެސް އެ ޕޯސްޓްގައި ލިޔުއްވާފައިވެއެވެ.

ޑރ. މުޢިއްޒުގެ ސަރުކާރުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ހިންގުމާ ޑރ. ޝަހީމް ޙަވާލުވެވަޑައިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދެމުންދާ ޚިދުމަތްތައް ހަރުދަނާކޮށް ދީނީ ހޭލުންތެރި މުޖުތަމަޢުއެއް ބިނާކުރުމަށް އެ ވުޒާރާއިން ދަނީ ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ދީނީ ކަންކަމަށް އަހުލުވެރިކޮށް، މި ދާއިރާއަށް ޒުވާނުން ޝަޢުގުވެރިކޮށް މި ދާއިރާއަށް ނެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

advertisement
ހިޔާލު ދެއްވާ!