Muizz
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕަށް ދިން ހަމަލާ ރައީސް ކުށްވެރިކުރައްވައިފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަ ކޮށްލުމަށް ބަޑިން ދިން ޢުދުވާނީ ޙަމަލާ  ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފިއެވެ.

މި ހަމަލާ ކުށްވެރިކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ސިޔާސީ މައިދާނުގައި އަނިޔާވެރި ޢަމަލުތަކަށް އެއްވެސް ޖާގައެއް ނޯންނާނެކަމަށާއި ކޮންމެ ތަނެއްގައި ހިނގިކަމުގައިވިޔަސް އެއްވެސް ބާވަތެއްގެ އަނިޔާވެރިކަމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހަމަލާގައި ޒަޚަމްވި އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށާއި، އެމަނިކުފާނުގެ ޢާއިލާއަށް އަދި ހަމާލާގައި ޒަޚަމްވި މީހުންނަށް ހެޔޮ އެދުންތައް ފޮނުއްވަވާފައެވެ.

އެމެރިކާގެ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަ ކޮށްލަން ބަޑިން ޙަމަލާ ދީފައި ވަނީ ޕެންސިލްވޭނިޔާގައި ކުރިޔަށް ދިޔަ ކެމްޕެއިން ރެލީއެއްގައި  ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށެވެ.

މިއީ, ޓްރަމްޕް އަވަހާރަ ކޮށްލަން ދިން ޙަމަލާއެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންދާ ކަމުގައި, ޓްރަމްޕްގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދާ ސީކްރެޓް ސަރވިސުން ބުނެއެވެ.  އެންމެފަހުގެ ޚަބަރުތައް ބުނާގޮތުން މި ޙަމަލާދީފައިވަނީ ކައިރީ ޢިމާރާތެއްގެ މަތީގައި ހުރި މީހެކެވެ. އެމީހާ ވަނީ ޓްރަމްޕަށް އަމާޒުކޮށް 5 ވަޒަން ފޮނުވާލާފައެވެ.

މި ޙަމަލާއިން ޓްރަމްޕު ހަނިގޮތަކަށް ސަލާމަތްވެފައިވާއިރު، ރެލީގައި ބައިވެރިވި ބައެއް މީހުން ޒަޚަމްވެފައިވާ ކަމަށާއި، 2 މީހަކު މަރުވެފައިވާކަމަށް ޚަބަރުލިބެއެވެ.

advertisement
ހިޔާލު ދެއްވާ!