ދޫނިކޮށްޓެއްގައި ދެމީހަކު ބަންދުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ ދެމީހަކު ދޫނިކޮށްޓެއްގައި ތިބޭ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ދެ ފިރިހެނުންވެސް ތިބީ ގަމީހެއް ނުވަތަ ޓީޝާޓެއް ނުލަ އެވެ. އެކަކު ޖީންސް ނުވަތަ ފަޓްލޫނެއް ލައިގެން ހުރިއިރު ދެން ހުރި ފިރިހެންމީހާ ހުރީ ހަމައެކަނި ސޯޓެއް ލައިގެން ނެވެ.
މި ވީޑިއޯ މީސް މީޑިއާގައި ޕޯސްޓު ކުރި ފަރާތް ވަނީ މިއީ ރަހީނުކޮށްގެން އުޅޭ ބައެއްތޯ ސުވާލު ކޮށްފަ އެވެ. އެވީޑިއޯގައި ކޮށީގައި ބަންދުކޮށްފައިވާ ފަރާތާއި ވާހަކަދައްކަމުން ދިޔަ މީހަކު، އެމީހުން ގަޔަށް ފެން ހޮޅިއަކުން ފެން ޖަހަމުންދާތަން ފެނިގެންދެއެވެ.
ހަމައެއާއިއެކު ކޮށީގައި ބަންދުކޮށްފައިވާ ފަރާތް އެދެމުން ދިޔައީ އޭނާއަށް ފައިސާ ދެއްކުމަށް ވަގުތުކޮޅެއް ދިނުމަށް އެދެމުންނެވެ.
މި ވީޑިއޯ މީސްމީޑިއާގައި ހިއްސާކުރި ބައެއް މީހުން ބުނެފައި ވަނީ، އާޓިފިޝަލް ބީޗްގައި ހުރި ދޫނިކޮށްޓެއްގައި އެ ދެ މީހުން ބަންދުކޮށްފައި ވަނީ ރެސްޓޯރެންޓަކުން ކެއުމަށްފަހު ފައިސާ ނުދައްކައިގެން ކަމަށެވެ.
މި ވީޑިއޯއާއި ގުޅިގެން ފުލުހުން ދަނީ ބަލަން ޖެހޭ ކަންކަން ބަލަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.