އެކިއެކި މަރުހަލާގައި 60 ރަށެއްގައި އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި އޮތް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވުޒާރާގެ ވަޒީރު ޠާރިޤު ވިދާޅުވީ އެންމެ ބޭނުންޖެހިފައިވާ ރަށްރަށުގެ ކަރަންޓުގެ މައްސަލަ ޙައްލު ނުވެ އޮތީ، އެކަމަށް ބޭނުންޖެހިފައި ނެތް ރަށްތަކުގައި މަޝްރޫޢުތައް ހިންގަން އުޅެފައި އޮތުމުން ކަމަށެވެ.
އަދި ނިމުނު ސަރުކާރުގައި މަސައްކަތް ކުރީ ޕްރޮޖެކްޓްތަކެއް ފަށަންކަމަށެވެ. ނަމަވެސް އޭގެ މަންފާއާއި ފައިދާ ރައްޔިތުންނަށް ހޯދައިދޭން މަސައްކަތްކޮށްފައި ނެތް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
60 ރަށެއްގައި އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި އޮތްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މި މަޝްރޫޢުތަކަކީ ވަރަށް އިސްރާފު ބޮޑުކޮށް، ބާޒާރު އަގަށްވުރެ %114 އިތުރަށް ޚަރަދުކޮށްގެން ހަދަން ހަވާލުކޮށްފައިވާ ތަންތަން ކަމަށެވެ.
ރަށްރަށުގައި އިންޖީނުގެތަކާއި އިދާރީ އޮފީސް ހެދުމަށް، އާބާދީއާއި ނުބައްދަލު މަޝްރޫޢުތައް ފަށާފައި އެބަހުރި ކަމަށާއި އެގޮތުން އާބާދީގައި 500-1000 މީހުންވެސް ހަމަނުވާ ރަށްތަކުގައި މިގޮތަށް މަސައްކަތް ހަވާލުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޚަރަދުތައް ހަމަނުޖައްސާ މަސައްކަތްތައް ޙަވާލުކޮށްފައިވާ ކަމަށާއި ވަކި ހިސާބަކުން އެ މަޝްރޫޢުތައް މުޅިން ހުއްޓިފައިވާ ކަމަށެވެ.