މ. ނިރުފެހިގޭގައި ނިޔާވި ބިދޭސީންގެ ތެރެއިން ބައެއް މީހުން އަދިވެސް ދެނެގަނެވިފައިނުވާ ކަމަށް ދާޚިލީ ސަލާމަތާއިި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ
އެމަނިކުފާނު މިފަދައިން ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ހާދިސާއަކީ 2022 ވަނަ އަހަރުގެ ނޮވެމްބަރު ނުވަ ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާއެކެވެ. މިހާދިސާގައި ނިޔާވި ބިދޭސީންގެ ތެރެއިން ބައެއް މީހުން އަދިވެސް ދެނެގަނެވިފައި ނުވާކަމަށް އިހްސާނު ވިދާޅުވި އެވެ.
އިހްސާނު ވިދާޅުވީ މިދިޔަ އަހަރު އަލިފާނުގެ ހާދިސާއެއް މާލޭގައި ހިނގި ކަމަށާއި އެ ހާދިސާ ހިނގި ތަނުގައި ތިބީ ކިތައް މީހުންތޯ އެސްޓެބްލިޝް ކުރެވުނީ އަލިފާން ނިއްވާލާ އެތަނުން ފެނުނު މީހުންގެ ހަށިގަނޑު ގުނައިގެން ކަމަށެވެ.
އަދި އަދިވެސް އޭގެ ތެރެއިން ބައެއް މީހުންނަކީ އައިޑެންޓިފައި ނުކުރެވޭ މީހުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ބައްޔެއް ފެތުރިގެން ދާހިނދު ނުވަތަ އެހީތެރިކަން ފޯރުކޮށްދޭން ޖެހިއްޖެ ހާލަތެއްގައި އެހީތެރިވާން ޖެހެނީ ކިތައް މީހުންކަން އެނގޭނީވެސް އެތަނެއްގައި ތިބީ ކިތައް ބިދޭސީކަން އެނގިގެން ކަން ފާހަގަކުރައްވާ އިހްސާން ވިދާޅުވީ އެތަނަކަށް ސެކިއުރިޓީން ފޮނުވަން ޖެހިއްޖެނަމަ ފޮނުވަންވީ ކިތައް މީހުން ކަމެއް ވެސް އެނގޭނީ އެތަނުގައި ތިބި ބިދޭސީންގެ އަދަދާއި އެއީ ކޮން ބައެއްކަން އެނގިގެން ކަމަށެވެ.