ރައްޔިތުން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް މި ވަގުތު "ތިރި" ވެލަންޖެހޭ ކަމަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު މުސާރަ ނަންގަވާ ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ހަރުގޭގައި ރޭ ބޭއްވި އެ ޕާޓީގެ ހަރުގެ ޖަލްސާގައި އަލީ އާރިފު ވާހަކަފުޅު ދެއްކެވި އެވެ. މިއީ ފަހަކަށް އައިސް އެފަދަ ޕޯޑިއަމަކުން އަލީ އާރިފު ފެނުނު ފުރަތަމަ ފަހަރެވެ. ރޭ ވާހަކަފުޅު ދައްކަމުން އޭނާ ވިދާޅުވީ ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓައި ރައްކާތެރިކުރުމަށްޓަކާ ވެސް އެކަން ކުރަން ޖެހޭ ކަމަށެވެ.
"ބައްޔެއް ވުމުން އެ ބައްޔަށް ޝިފާ އޮތީ ހިތި ބޭހެއް ބޮއެގެން ކަމަށްވާނަމަ އެ ބޭސް ބޯންޖެހޭ،" އާރިފް ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ "މި ދުވަސްކޮޅު [ރައްޔިތުން] މި ޖެހެނީ އެއްކަލަ އަބަދު ޓޭކްއަވޭ ހަދައިގެން ގޭގައި ކެއި ކެއުން ހުއްޓާލާފައި، ކޮންމެވެސް ވަރަކަށް ގޭތެރޭގައި އަމިއްލައަށް ގަރުދިޔަ އާއި ބަތާއި ކައްކައިގެން ކާލައިގެން، ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލަން،" ޖެހޭ ކަމަށެވެ.
އަލީ އާރިފް ވިދާޅުވީ ރާއްޖެއަށް ދިމާވެފައި ވަނީ ދަތި ދުވަސްކޮޅެއް ނަމަވެސް ދިވެހި ރާއްޖެ ބަނގުރޫޓެއް ނުވާ ކަމަށާއި ކުރިމަގު އޮތީ އުޖާލާކޮށް ކަމަށެވެ. ހާލަތުން އަރައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފައިސާ ޗާޕު ކުރެވިދާނެ ކަމަށެވެ. އެކަމަކު އެއީ ޒިންމާދާރު، އިހުލާސްތެރި ވެރިން ކުރައްވާ ކަހަލަ ކަންކަން ނޫން ކަމަށެވެ.