މިހާރު ހެދިފައި އޮތް މާލިއްޔަތު ގަވާއިދަކީ ސަރުކާރުގެ ވުޒާރަތަކަށް ހެދިފައި އޮތް ގަވާއިދެއް: އޮޑިޓަރ ޖެނެރަލް

މިހާރު ހެދިފައި އޮތް މާލިއްޔަތު ގަވާއިދަކީ ސަރުކާރުގެ ވުޒާރަތަކަށް ހެދިފައި އޮތް ގަވާއިދެއް ކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ނިޔާޒީ ވިދާޅުވީ ރަށްރަށުގެ ކައުންސިލްތައް، ހާއްސަކޮށް ކުދި ރަށްތަކުގެ ކައުންސިލްތަކުން އެ މާލިއްޔަތު ގަވާއިދާއި އެއްގޮތަށް އަމަލު ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ.

ކުދި ރަށްތަކުގައި ހުންނަނީ މަދު ވިޔަފާރިތަކެއް ކަމަށާއި ތިމާގެ މީހުން ހިއްސާވާ ވިޔަފާރިތައް ހުރުން އެކަށީގެންވާ ކަމަށްވެސް ނިޔާޒީ ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ކޮންފްލިކްޓް ދިމާވެ، މާލިއްޔަތު ގަވާއިދާއި ހިލާފުވާކަން ފާހަގަކުރައްވާ ނިޔާޒީ ވިދާޅުވީ ރަނގަޅު އަގުގައި އެތަންތަނުން ވިޔަފާރި ކުރެވޭނެ ގޮތަށް ގަވާއިދު ބަދަލުކޮށްގެން ނަމަވެސް ކައުންސިލްތަކަށް ފަސޭހައިން އެކަންކަން ކުރެވޭނެ ގޮތް ހެދުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެހެން ނޫންނަމަ ކަމާއި ނުގުޅޭ ވިޔަފާރިތައް ހިމަނައި ތިން ކޯޓޭޝަން ހޯދައި ކައުންސިލްތަކަށް ހީވާ ގޮތަކަށް އަމަލުކުރަމުންދާ ކަމަށްވެސް ނިޔާޒީ ވިދާޅުވިއެވެ. ނަމަވެސް، އެއަށްވުރެން ފަސޭހަ ގޮތްތަކެއް އެބަހުރިކަން ފާހަގަކުރައްވާ ނިޔާޒީ ވިދާޅުވީ ކައުންސިލްތައް ހޭލުންތެރި ކުރުމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ނިޔާޒީ މިހެން ވިދާޅުވިއިރު، ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ހުށައެޅުމަށް ޤައުމީ ޔުނިވާރސިޓީން ދަނީ ދިރާސާ އެއް ހަދަމުންނެވެ. އަދި މި ދިރާސާގެ ރިޕޯރޓް އަންނަ އޯގަސްޓްމަހުގެ މެދުތެރޭގައި ނިމޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ ވިދާޅުވެފައެވެ.

advertisement
ހިޔާލު ދެއްވާ!