އަންނަ މަހުން ފެށިގެން މާފުއްޓާއި، ކުޅުދުއްފުށި ސިޓީއާއި ތިނަދޫ ސިޓީގައި ވެމްކޯގެ ސައިޓްތަކުން ޚިދުމަތްތައް ހޯދާ ފަރާތްތަކުން ގޭޓް ފީއެއް ދައްކަންޖެހޭނެކަމަށް ވެމްކޯއިން ބުނެފި އެވެ.
އެކުންފުނިން ބުނީ އެ ތިން ރަށުގެ ރައްޔިތުންގެ ތެރެއިން ވެމްކޯގެ ޚިދުމަތްތަކަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް މިދިޔަ މަހުން ފެށިގެން ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ މަހު ފޯރުކޮށްދިން ޚިދުމަތަށް ބިލް ނުކުރުމަށް ނިންމާފައިވާ ކަމަށާއި މިމަހުގެ ޚިދުމަތުގެ ބިލް އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ފޯރުކޮށްދޭނެކަމަށެވެ.
މާލެ ސިޓީއެކޭ އެއްފަދައިން ވެމްކޯއިންވަނީ މި ތިން ރަށުން އެކުންފުނީގެ ޚިދުމަތްތަކަށް ރަޖިސްޓަރީ ކޮށްފައިވާ ގޭބިސީތަކުން މަހަކު 150 ރުފިޔާ ނެގުމަށް ނިންމާފައެވެ. އަދި މާފުށިން މި ޚިދުމަތަށް ރަޖިސްޓަރކޮށްފައިވާ ވިޔަފާރިތަކުން ލީޓަރަކަށް 0.27 ރުފިޔާ ނެގުމަށް ނިންމާފައިވެއެވެ. ހަމައެހެންމެ ތިނަދޫއާއި ކުޅުދުއްފުށީ ސިޓީން ލީޓަރަކަށް 0.16 ރުފިޔާ ނެގުމަށް ވެމްކޯއިން ނިންމާފަވެއެވެ.
އެކުންފުނިން ބުނެފައިވަނީ މާފުށިން ވެމްކޯގެ ސައިޓްތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ޓަނަކަށް 500 ރުފިޔާ ނެގުމަށް ނިންމާފައިވާ ކަމަށާއި ތިނަދޫއާއި ކުޅުދުއްފުށީ ސިޓީގެ ވެމްކޯގެ ސައިޓްތަކުން ޚިދުމަތް ހޯދާ ފަރާތްތަކުން ޓަނަކަށް 108 ރުފިޔާގެ މަގުން ޗާރޖްކުރެވޭނެކަމަށެވެ.
ވެމްކޯއިން ބުނީ މި 3 ރަށުންވެސް ސަރުކާރު މުއައްސަސާތަކުގެ ގޭޓްފީއެއްގެ ގޮތުގައި 2660 ރުފިޔާ ނެގުމަށް ނިންމާފައިވާ ކަމަށެވެ.