މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ޚިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް ހައްލެއް ހޯދުމަށްޓަކައި ފެށި "މާލެ ފަހި" ޕްރޮގްރާމްގައި ހިމެނޭ، ޓެކްސީ ލައިންގެ ޚިދްމަތް ދިނުމަށް ސަރުކާރު ކުންފުންޏަކާ ހަވާލުކުރަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ޓެކްސީ ލައިންގެ ހިދުމަތް ހަވާލުކުރަން ނިންމާފައިވާ ސަރުކާރު ކުންފުންޏަކާ ކަމަށާއި މި މަސައްކަތް ކުރަން އެންމެ ރަނގަޅު އެއް ބަޔަކީ އެމްޓީސީސީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މިކަން ރަސްމީކޮށް ކުންފުންޏަކާއި ހަވާލުކޮށް ކުރިއަށް އޮތް ދެ ހަފްތާތެރޭ އިއުލާން ކުރާނެ ކަމަށް އަމީން ވިދާޅުވި އެވެ.
ޓެކްސީ ލައިންގެ ހިދުމަތް ކުރިއަށް ގެންދަން ރޭވިފައިވަނީ އާރްޓީއެލް ބަސް ކޮންސެޕްޓަށް ކަމަށާއި މި ހިދުމަތުގައި މަސައްކަތް ކުރާ 50 ޕަސެންޓް ޓެކްސީ ޑްރައިވަރުން ވެގެންދާނީ ދާއީމީ މުވައްޒަފުންނަށް ކަމަށެވެ. ބާކީ 50 ޕަސެންޓް ދޫކުރާނީ ކޮންމެ ދުވަހަކު އެކި ގަޑިތަކުގައި އެކި ވަރަށް ޓެކްސީ ދުއްވަން ބޭނުންވާ ފަރާތްތަކަށް ކަމަށް އަމީން ވިދާޅުވި އެވެ.
މި ހިދުމަތުގައި ޓެކްސީ ދުއްވޭނީ މުޅިން ވެސް ދިވެހިންނަށް ކަމަށާއި ޓެކްސީ ޑްރައިވަރުންނަށް ހާއްސަ ޑްރެސްކޯޑެއް ވެސް ހަމަޖައްސާފައިވާނެ ކަމަށް ވިދާޅުވި އެވެ. އަދި މި ހިދުމަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކޮންމެ 7 ދުވަހަކުން މުސާރަ ދެވޭނެ ނިޒާމެއް ގާއިމުކޮށްފައިވާނެ ވެސް އަމީން ވިދާޅުވި އެވެ.
މާލެ ފަހި ޕްރޮގްރާމަކީ ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން އެމަނިކުފާނުގެ ޚާއްޞަ އިރުޝާދާއެކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.