ދައުލަތުގެ އެއްވެސް ބާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މައްޗަށް ނުފޫޒު ފޯރުވުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން: ރައީސް

ދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ މިއަދާ ހަމަޔަށްވެސް ކުރިކަމެއްނޫން ކަމަށާއި އަދި ކުރިޔަށް އޮތް ތާނގައިވެސް ކުރާނޭކަމެއްނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވަން ރައީސް ޑރ. މުއިއްޒު އުޅުވާކަމަށް ބުނެ އިދިކޮޅުންދަނީ ވާހަކަ ފަތުރަމުންނެވެ.

އެކަމަށް ރައްދު ދެއްވައި އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ދާދި ދެންމެެއަކު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިދިކޮޅުން ކުރާ ތުހުމަތު ތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި އޭގެ ބަދަލުގައި، އެފަދަ ފަރާތްތަކުން ޢަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރުކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް، ޤާނޫނާއި ޤަވާޢިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާޙެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދާނެ ވާހަކަ ދަންނަވާ ކަމަށެވެ.

"ދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އަޅުގަނޑު މިއަދާ ހަމަޔަށްވެސް ކުރިކަމެއްނޫން އަދި ކުރިޔަށް އޮތް ތާނގައިވެސް ކުރާނޭކަމެއްނޫން!. އޭގެ ބަދަލުގައި، އެފަދަ ފަރާތްތަކުން ޢަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރުކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް، ޤާނޫނާއި ޤަވާޢިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާޙެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދާނެ ވާހަކަ ދަންނަވަން."

އިދިކޮޅު އެމްޑީޕީއިން މިއަދު މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މިސަރުކާރުން މަސައްކަތް ކުރަމުންގެންދަނީ އިލެކްޝަން ކޮމިޝަނާއި އެސީސީ އަށް ރައީސުން އައްޔަނު ކުރުންމުގެ ބާރު ރައީސް އަށް އޮންނަ ގޮތަށް ބަދަލު ކުރުމަށެވެ. ނަމަވެސް އެއީ ޑިމޮކްރަސީގެ އަސާސްތަކާ ޚިލާފު ކަމެއް ކަމަށް އެޕާޓީން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އިލެކްޝަން ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "އީސީ، އޭސީސީގެ ރައީސާއި ނާއިބު ރައީސް، ރައީސުލް ޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާގޮތަށް މިހާރު މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާޙަކީ މިނިވަން މުއައްސަސާތަކުން 2023 ގައި ރައީސުލް ޖުމްހޫރިއްޔާގެ އަރިހަށާއި، އެޓަރނީ ޖެނެރަލް ގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް، އޭސީސީ، އީސީ، އެޗްއާރުސީއެމް އަދި ސީއެއްސީގެ މެންބަރުން ހުށަހެޅި ޕޭޕަރުގައި ހިމެނިފައިވާ ކަމެއް.. އަދި އެއީ ދުނިޔޭގެ ކުރިއަރާފައިވާ އެމެރިކާ ފަދަ ޤައުމުތަކުންވެސް އެކަން ކުރަމުން އަންނަގޮތް" ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!