އީސީއާއި އޭސީސީގެ ރައީސާއި ނާއިބު ރައީސަކީ ރައީސް ޢައްޔަންކުރައްވާ މަޤާމުތަކެއްގެ ގޮތުގައި ހަމަޖެއްސުމަކީ މިނިވަން މުއައްސަސާތަކުން ބޭނުންވާގޮތް: ޙަބީބު

އިލެކްޝަން ކަމިޝަނާއި އެންޓި ކޮރަޕްޝަން ކަމިޝަންގެ ރައީސާއި ނާއިބު ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މަޤާމުތަކެއްގެ ގޮތުގައި ހަމަޖެއްސުމަކީ  މިނިވަން މުއައްސަސާތަކުން ބޭނުންވާގޮތްކަމުގައި އިލެކްޝަން ކަމިޝަންގެ ކުރީގެ ރައީސް އިސްމާޢީލް ހަބީބު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޙަބީބު ވިދާޅުވީ، މިނިވަން މުއައްސަސާތައް ކަމަށްވާ އެންޓި ކޮރަޕްޝަން ކަމިޝަނާއި، އިލެކްޝަންސް ކަމިޝަނާއި، ހިއުމަން ރައިޓްސް ކަމިޝަނާއި ސިވިލް ސާވިސް ކަމިޝަނުން 2023 ވަނަ އަހަރު މަޖްލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށާއި އެޓާރނީ ޖެނެރަލަށާއި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކަރުދާހެއް ހުށަހެޅިކަމަށާއި، މުއައްސަސާތަކުގެ ރައީސާއި ނާއިބު ރައީސުންނަކީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މަޤާމުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް އެ ކަރުދާހުގައި ހިމަނާފައިވާނެކަމަށެވެ.

ޙަބީބު އިތުރަށް ބުނެފައިވަނީ، ދުނިޔޭގެ ކުރިއަރާފައިވާ އެމެރިކާ ފަދަ ޤައުމުތަކުންވެސް އެކަން ކުރަމުން އަންނަގޮތަކީ އެއީކަމަށެވެ.

މިފަދައިން ޙަބީބު އެކްސްގައި ވިދާޅުވިއިރު، ރައީސާއި ނާއިބު ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މަޤާމުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް އިލެކްޝަން ކަމިޝަނާއި އެންޓި ކޮރަޕްޝަން ކަމިޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލްތައް މިހާރުވަނީ މަޖްލީހަށް ހުށަހަޅާފައެވެ.

advertisement
ހިޔާލު ދެއްވާ!