ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު-- ފޮޓޯ: ޕީއެސްއެމް

މިސް ޔުނިވާސްގައި ދިވެއްސަކު ރާއްޖެ ތަމްސީލް ކުރާތީ އެކަން ހުއްޓާލުމަށް ދިވެހި ސަރުކާރުން އަންގައިފި

މިސް ޔުނިވާސްގައި ރާއްޖެ ތަމްސީލް ކުރުން ކުށްވެރިކޮށް އެކަން ހުއްޓާލުމަށް ދިވެހި ސަރުކާރުން ގޮވާލައިފިއެވެ.

 ޔޫތް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މެކްސިކޯގައި އޮންނަ މިސް ޔުނިވާސްގައި ރާއްޖޭގެ ނަމުގައި ދިވެއްސަކު ބައިވެރިވާތީ، އެއީ ސަރުކާރުގެ ބައިވެރިވުމެއް އޮތް ކަމެއް ކަމަށް ދޭހަވާގޮތަށް ޚަބަރުތައް ފެތުރެމުންދާ ކަމަށެވެ.

އެހެން ނަމަވެސް ދިވެހިންގެ ދީނާއި އަގީދާއާއި ސަގާފަތާ ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުމާއި އަދި އެކިއެކި ފަރާތްތަކުން ބާއްވާ އެފަދަ މުބާރާތްތަކާއި ހަރަކާތްތަކުގައި ދިވެހިން ބައިވެރިވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައިވެއެވެ.

"އަދި އެފަދަ ކަންކަމަކީ ދިވެހިން ގަބޫލުކުރާ އާއްމު އަހްލާގީ މިންގަނޑުތަކާއި އުސޫލުތަކާއި ވެސް ކަންކަމަށް ވާއިރު ރާއްޖެ ތަމްސީލް ކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ހަރަކާތްތަކަށް ދިޔުން ދިވެހި ސަރުކާރުން ކުށްވެރި ކުރަމެވެ. އަދި އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް މަސައްކަތް ކުރަމުންދާ ފަރާތުން އެކަން ހުއްޓާލުމަށް ވެސް ގޮވާލަމެވެ." ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ޔޫތު މިނިސްޓްރީގެ ބަޔާނުގައި ވަނީ ރާއްޖެ ތަމްސީލް ކުރުމުގެ ނަމުގައި އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރި ކުރުވުމަކީ ސަރުކާރުން ކުރާނެ ކަމަކަށް ނުވާއިރު އެއީ ސަރުކާރުން ކުރުވާ ކަމެއް ކަމަށް ދޭހަވާ ގޮތަށް މައުލޫމާތު ނުފެތުރުމަށް އެދިފައެވެ. އަދި އެފަދަ ކަންކަމުގައި ދިވެހިން ބައިވެރި ނުވުމަށް އެންމެހާ ރައްޔިތުންނަށް ވަނީ ގޮވާލާ ފައެވެ.

މިސް ޔުނިވާސް މުބާރާތުގައި ރާއްޖޭގެ ރައްޔިތަކު ބައިވެރިވީ ރާއްޖޭގެ އިވެންޓް މެނޭޖުމަންޓް ކުންފުންޏެއްގެ ފަރާތުން ފަހިކޮށްދިން ފުރުސަތެއްގައެވެ. މި މުބާރާތުގައި ވާދަކުރުމަށް މެކްސިކޯ އަށް ދިއުމަށް އޭނާއަށް ވިސާ ހަމަޖައްސާދީފައިވަނީ އިންޑިއާގައި ހުންނަ މެކްސިކޯގެ އެމްބަސީންނެވެ.

advertisement
ހިޔާލު ދެއްވާ!