އަލީ ރަމީޒް

ރީތީގެ މުބާރާތް ފަދަ މުބާރާތެއްގައި ބައިވެރިވުމަކީ ބޮޑު އުރެދުމެއް: އަލީ ރަމީޒް

ރީތީގެ މުބާރާތް ފަދަ މުބާރާތެއްގައި ބައިވެރިވުމަކީ ބޮޑު އުރެދުމެއް ކަމަށް ދާރިސް ޓީވީގެ ސްޓޭޝަން މެނޭޖަރ ޢަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

ރީތީގެ މުބާރާތް، މިސް ޔުނިވާސްގައި ރާއްޖޭގެ އަންހެނެއް ބައިވެރިވާ ޚަބަރު ރޭގެ ވަގުތެއްގައި މީޑިއާ ތަކުގައި ފެތުރިފައިވާއިރު، އެކަމާއި ގުޅިގެން އަލީ ރަމީޒް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެއީ ބޮޑު އުރެދުމެއް ކަމަށާއި އެފަދަ ކަންކަން ފާހަގަ ކުރައްވައި އެފަދަ ކަމަކަށް މުސްލިމު އަންހެނަކު ކުރިމަތިލުން ހުއްދަވާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ.

”އަދި ތިފަދަ ހަޑި މުޑުދާރު ކަމަކަށް މަގުފަހިކޮށްދޭ ބަޔަކު އެ އަރައިގަންނަނީ ކޮންފަދަ ބޮޑު ފާފައަކަށް ތޯ؟ ހިތާމައިގެ ކޮޅެއްވެސް ނެތް“ ޢަލީ ރަމީޒު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން، ދީނީ އިލްމުވެރިން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޝެއިޚް އަބްދުއްސަލާމް ދާވޫދު ވިދާޅުވީ ރީތީގެ މުބާރާތް ތަކުގެ އެންމެ މައިގަނޑު އެއް މަގުސަދަކީ އެތަކެއް ބައެއްގެ ކުރިމަތީގައި އަންހެނާގެ ހަށިގަނޑާއި އޭނާގެ ވަނާތައް ހާމަކުރުންކަމަށެވެ.

"ރަސޫލާ ޞޢވ ހަދީޘް ކުރައްވާފައިވޭ، އަންހެނާއަކީ އައުރަ އެކޭ. މާނައަކީ ރައްކާތެރިވާންޖެހޭ ބޭކަނބަލެކޭ. އަންހެނާ މަގު މައްޗަށް ނުކުމެއްޖެއްޔާ، މާނައަކީ އޭނާ ގެއިން ބޭރަށް ނުކުމެއްޖެއްޔާ، ވަރިހަމަ ކިތަންމެ ނިވާވެގެން ވިޔަސް، ނުކުމެއްޖެއްޔާ ޝައިޠާނާ އޭނާގެ މައްޗަށް ފާވެގަންނާނޭ. މާނައަކީ، ޝައިޠާނާ، އެކަނބުލޭގެ ޒީނަތްތެރި ކުރުވާނޭ އެހެން މީހުންގެ ލޯތަކަށް." ދީނީ ޢިލްމުވެރިޔާ އައްޝެއިޚް އަބްދުއްސަލާމް ދާވޫދު ވިދާޅުވިއެވެ.

ކަން މިހެން ހުރި އިރު، ”ކަމާ ކަން ފަށައި، ބަރަހަނާ ވާންވެގެން، ތިމާގެ ގުނަވަންތައް ދައްކަންވެގެން ނުކުންނަ ނުތުން އެއީ“ މުއުމިނުންގެ މެދުގައި ފާހިޝް ޢަމަލު ފެތުރުމަށް ލޯބިކުރެވޭ ލޯބިކުރެވުމަކަށް ވެގެންދާނެ ކަމަށް ޝެއިޚް ވިދާޅުވިއެވެ.

އެހެން ކަމުން، އެފަދަ ކަންކަމުގައި އަންހެނުން ބައިވެރި ކުރުވަން ގެންދަން މަސައްކަތް ކުރާ ކުންފުނި ތަކުން، އެ މަސައްކަތް ހުއްޓާލައި، މާތް الله އަށް ބިރުވެތި ވުމަށް ޝެއިޚް ވަނީ ގޮވާލައްވާފައެވެ.

”މާތް الله ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވޭ، އީމާން ކަމުގެ އަހުލުވެރިންގެ ތެރޭގައި ފާހިޝް ޢަމަލުތައް ފެތުރުމަށް ލޯބިކުރާ މީހުންނަށް، ދުނުޔެއާއި އާޚިރަތުގައި ވޭންދެނިވި އަޒާބު ދެއްވާނެ ކަމަށް. އެހެންވީމާ ތިފަދަ ކަން ކަމަކީ ދުނިޔޭގައިވެސް މާތް الله ގެ ކޯފާއާއި ކުރިމަތިލާންޖެހޭނެ ކަމެކޭ ތިފަދަ ކަންކަމުގަ ކުރިމަތި ލުމަކީ. އަދި މުބާރާތުގައި ބައިވެރި ކޮށްދޭ ފަރާތާއި އެފަރާތުގެ އާއިލާއަށްވެސް އަޅުގަނޑު ދަންނަވާނީ، الله އަށް ބިރުވެތިވާށޭ. ތިމާގެ ހިސާބުގައި، އަދި ތިމާމެންގެ ހިސާބުގައި ލިޔެވިގެންދާ ބޮޑެތި ފާފަ ތަކުގެ ތެރޭގައި ހިމެނޭނެ ކަމެކޭ." ދީނީ ޢިލްމުވެރިޔާ އައްޝެއިޚް އަބްދުއްސަލާމް ދާވޫދު ވިދާޅުވިއެވެ.

މިސް ޔުނިވާސްގައި ރާއްޖެ ތަމްސީލް ކުރާތީ ދިވެހި ސަރުކާރުން ވަނީ އެކަން ކުށްވެރިކޮށް އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލައިފައެވެ. އެގޮތުން މިއަދު ޔޫތު މިނިސްޓްރީން އިން އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ މެކްސިކޯގައި އޮންނަ މިސް ޔުނިވާސްގައި ރާއްޖޭގެ ނަމުގައި ދިވެއްސަކު ބައިވެރިވާތީ، އެއީ ސަރުކާރުގެ ބައިވެރިވުމެއް އޮތް ކަމެއް ކަމަށް ދޭހަވާގޮތަށް ޚަބަރުތައް ފެތުރެމުންދާ ކަމަށެވެ.

އެހެން ނަމަވެސް ދިވެހިންގެ ދީނާއި އަގީދާއާއި ސަގާފަތާ ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުމާއި އަދި އެކިއެކި ފަރާތްތަކުން ބާއްވާ އެފަދަ މުބާރާތްތަކާއި ހަރަކާތްތަކުގައި ދިވެހިން ބައިވެރިވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައިވެއެވެ.

advertisement
ހިޔާލު ދެއްވާ!