ދިވެއްސަކު މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވުމާއި ދެކޮޅު ކަމަށް ދީނީ ޢިލްމުވެރިޔާ އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.
މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވުމާއި ދެކޮޅަށް މީސްމީޑިއާގައި އަޑުއުފުލަން ފަށާފައި މިވަނީ މެކްސިކޯގައި މިއަހަރު ބާއްވާ މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވުމަށް 21 އަހަރުގެ ދިވެހި މޮޑެލްއެއް ކަމުގައިވާ ޝާއިނާ ނަސީމްއަށް އިންޑިޔާގައި ހުންނަ މެކްސިކޯ އެމްބަސީން ވިސާ ދީފައިވާކަން އިޢުލާނުކުރުމުންނެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ އެ އެމްބަސީގެ އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައެވެ.
މިކަން މީސްމީޑިއާއަށް ތިލަވުމާއިއެކު، ދިވެއްސަކު މިސް ޔުނިވާސްގައި ބައިވެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ދިވެހި ސަރުކާރުންވެސް ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެ ތަމްސީލުކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ހަރަކާތްތަކަށް ދިޔުން، ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ. އަދި އެފަދަ ޙަރަކާތުގައި ބައިވެރިވުމަށް މަސައްކަތްކުރަމުންދާ ފަރާތުން އެކަން ހުއްޓާލުމަށްވެސް ސަރުކާރުން ގޮވާލާފައިވެއެވެ.
ސަރުކާރުގެ އިތުރުން ދީނީ ޢިލްމުވެރިންވެސް އަންނަނީ މިކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އެގޮތުން އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާ ވިދާޅުވީ އެ މުބާރާތުގައި ބައިވެރިވުމަކީ މުންކަރާތެއް ކަމަށާއި އެއީ އިސްލާމްދީނާއި ދިވެހިންގެ ޘަޤާފަތާއި ފުށުއަރާ ކަމެއް ކަމަށެވެ.
އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާއަކީ ދީނީ ދަޢުވަތު ފެތުރުއްވުމުގައި ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ބޭކަނބަލެކެވެ. އެގޮތުން ދީނީ ލިޔުއްވުންތަކާއި ދީނީ ދަރުސްތަކުގެ އެހީގައި ސާމިޔާ ޒަކަރިއްޔާ އަންނަނީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.