ސިނގިރޭޓާއި ވޭޕްގެ ޑިއުޓީ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި!

ސިނގިރޭޓާއި ވޭޕްގެ ޑިއުޓީ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ބިލު ފާސްކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީންމި ދިރާސާކުރުމަށްފަހު  ކޮމިޓީން ހުށަހެޅި ރިޕޯޓަށްފަހު، ބައެއް އިސްލާޙްތަކާއިއެކުގައެވެ.

މި ރިޕޯޓަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާޙް ހުށަހެޅުއްވި އިޞްލާޙެއްގައި ވަނީ ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން (ކޮންސިއުމަބަލްސް) 50 އިންސައްތަ އަދި ސްޓިކްއަކުން 8 ރުފިޔާ ނެގުމަށް ހުށަހަޅާފައެވެ.

ފަލާޙް ހުށަހެޅުއްވި މި އިޞްލާޙަށް 69 މެމްބަރުން ވޯޓު ދެއްވާފައިވާއިރު، ދެ މެމްބަރަކު ވޯޓުގައި ބައިވެރިވެ ވަޑައިނުގަންނަވާ ކަން ފާހަގަ ކުރެވެއެވެ.

ސިނގިރެޓާއި ވޭޕުން ޑިއުޓީ ބޮޑުކުރުމަށް ހުށަހެޅި މި ބިލު ފާސްކޮށްފައިވަނީ 68 މެމްބަރުންގެ ވޯޓުންނެވެ.  މި ބިލަށް ވޯޓު ނުދެއްވާ 6 މެމްބަރަކު ތިއްބެވިކަން ފާހަގަ ކުރެވެއެވެ.

ވޭޕް ކުރުމަށް ބޭނުންކުރާ ތަކެތިން ބޮޑުކުރި ޑިއުޓީ  ނަގާނީ ނޮވެމްބަރު 15 އާއި ހަމައަށެވެ. ސަރުކާރުން ވަނީ ނޮވެމްބަރު 15 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެކުރުން މަނާ ކުރަން ނިންމާފައެވެ.

ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ 8 އިންސައްތައަށް ބޮޑުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާ އެކަން ހާމަ ކުރައްވާފައި ވަނީ މި އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހު އެމަނިކުފާނު ވިދާޅުވީ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން އެޅުމަށް ނިންމަވާފައިވާ  ފިޔަވަޅުތަކުގެތެރޭގައި ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވެލޮރަމް ރޭޓް، 1 ނޮވެމްބަރ 2024 އިން ފެށިގެން ބޮޑުކުރުމަށް ޤާނޫނަށް އިސްލާޙު ގެނައުމަށް މަޖިލީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!