ބަންޑާރަނައިބު އަޙުމަދު އުޝާމް

ކަނޑުން ގެއްލުނު ބައި ހޯދުމުގައި ގޮންޖެހުންތަކެއް އެބަހުރި: ބަންޑާރަނައިބު

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމާއެކު ކަނޑުން ގެއްލުނުބައި ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށާ ދިވެހި ސަރުކާރުގެ ސްޓްރެޓެޖީއަށް ބަދަލު ގެންނަން ޖެހިފައިވާކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޗާގޯސްގެ މައްސަލަ ނުވަތަ ދިވެހިރާއްޖޭގެ ދެކުނު ކަނޑުން ބައެއް ގެއްލުނު މައްސަލަ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރިވިއުކުރުމަށް އިޓްލޮސް އަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދަނިކޮށް ދާދިފަހުން އިނގިރޭސިވިލާތުން ވަނީ ޗާގޯސް ރަށްތަކުގެ ސިޔާދަތީބާރު މޮރިޝަސްއަށް ދިނުމަށް ނިންމައިފައެވެ.

އުޝާމް ވިދާޅުވީ އިނގިރޭސިވިލާތުގެ މި ނިންމުމުގެ ސަބަބުން ދިވެހި ރާއްޖެއިން މިމައްސަލާގައި ގެންގުޅޭ ސްޓެރެޓެޖީ ބަދަލުކުރަންޖެހޭ ކަމަށާ އަދި މިހާރު އެކަމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

އުޝާމް ވިދާޅުވީ އިންޓަނޭޝަނަލް އެކްސްޕާޓުންގެ އެހީތެރިކަމާއެކީގައި، ރިޕޯޓެއް އެކުލަވާލާ ހުށަހެޅުމުގެ މަރުހަލާގައި ވަނިކޮށް އިނގިރޭސި ސަރުކާރުން ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ދިނުމަށް ނިންމި ނިންމުމާއި ގުޅިގެން ގޮންޖެހުންތަކެއް އެބަހުރި ކަމަށާ އެއީ ސްޓްރެޓެޖީ ބަދަލުކުރަން ޖެހޭ ފަދަ ނިންމުމެއް ކަމަށެވެ.

ބަންޑާރަނައިބު ވިދާޅުވީ، މިމަސައްކަތުގައި ބައިނަލްއަޤްވާމީ ވަކީލުންގެ ޓީމުގެ ލަފާ ހޯދަމުންދާކަމަށެވެ. ނަމަވެސް މިކަމުގެ ރިޕޯޓު އަލުން އެކުލަވާލައި، މައްސަލަ ކުރިއަށް ގެންދެވޭނެ ދުވަހެއް އަދި ދަންނަވަން ދަތިކަމަށެވެ. މީގެ ސަބަބެއް ކަމަށް ބަންޑާރަނައިބު ވިދާޅުވެފައިވަނީ އެހެން ބަޔަކު ތައްޔާރުކޮށްފައިވާ ރިޕޯޓަކަށް ބިނާކޮށް މިމަސައްކަތް ކުރަން ޖެހުން ކަމަށެވެ.

ރާއްޖޭގެ ދެކުނުގެ ކަނޑުން ބައެއް ގެއްލޭ ގޮތަށް އިޓްލޮސްއިން 2022 ވަނަ އަހަރު ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި ސަރުކާރުގެ ވަރަށް ކުރީކޮޅު، ބަންޑާރަ ނައިބުގެ އޮފީހާ ހަވާލުކުރައްވައިފައެވެ.

އިޓްލޮސްގެ ނިންމުން ބަދަލުކުރުމަށް ނިންމީ މިމައްސަލައާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ގެންގުޅުއްވާފައިވާ ސިޔާސަތަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނުތަކާއި ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ އެންމެމަތީ މަސްލަހަތު ގެއްލޭގޮތަށް ނިންމަވާފައިވާ ނިންމުމެއްކަމަށް ފެންނާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ބުނެފައެވެ. އަދި މި މަސައްކަތަށް ޚާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ކުރިއަށް ގެންދިއުމަށްޓަކައި ކޮމިޓީއެއްވެސް އެކުލަވާލާފައިވެއެވެ.

advertisement
ހިޔާލު ދެއްވާ!