ރައީސުލްޖުމްހޫރިއްޔާ އިންޑިއާ އަދި ސަޢޫދީ ޢަރަބިއްޔާއަށް ސަފީރުން ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން އިންޑިއާ އަދި ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާ ސަފީރުން މިއަދު ޢައްޔަން ކުރައްވައިފިއެވެ.

އެގޮތުން ރިޕަބްލިކް އޮފް އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަަފީރުކަމަށް، ޢައްޔަން ކުރެއްވީ މާފަންނު ބީނާފުށި، އަލްފާޟިލާ ޢާއިޝަތު ޢަޒީމާއެވެ.

ޢަޒީމާއަކީ ޚާރިޖިއްޔާގެ އެކި މަގާމުތަކުގައި ގިނަ އަހަރުތަކެއް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޢަޒީމާ މިހާރު ހުންނެވީ ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައެވެ. އޭގެ ކުރިން ޢަޒީމާ ވަނީ ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ. މީގެ އިތުރުން ލަންޑަންގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ ކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމާއި ޖޮއިންޓް ސެކްރެޓަރީގެ މަޤާމު އަދާ ކުރެއްވިއެވެ.  ޢާއިޝަތު ޢަޒީމާ ވަނީ 1988 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި ވުޒާރާތަކުގެ އެކި ފަންތީގެ މަޤާމުތައް ފުރުއްވައި، ރާއްޖެއާއި ބޭރުގެ ތަމްރީނު ޕްރޮގްރާމުތައް ފުރިހަމަ ކުރައްވައިފައެވެ.

ސަޢޫދީ ޢަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަން ކުރެއްވީ މާފަންނު ވެސްޓްސައިޑް، އަލްފާޟިލް އަޙްމަދު ސަރީރެވެ.

އަހުމަދު ސަރީރު އެންމެ ފަހުން ހުންނެވީ ދިވެހި ޚާރިޖިއްޔާގެ އެމްބެސެޑަރ އެޓް ލާޖުގެ މަޤާމުގައެވެ. އޭގެކުރިން ސަރީރު ވަނީ އޯގަނައިޒޭޝަން އިފް އިސްލާމިކް ކޮންފަރެންސް، އޯއައިސީގެ ޑިރެކްޓަރ އޮފް އޭޝިއަން އެފެއަރސްގެ މަޤާމުވެސް ފުރުއްވާފައެވެ.

އަޙްމަދު ސަރީރަކީ 1986 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޚާރިޖީ ދާއިރާގެ އެކި މަޤާމުތަކުގަޔާއި، ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެކި ފެންވަރުގެ މަޤާމުތަކުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ. އެގޮތުން ޚާރިޖީ ވުޒާރާގެ ފޮރިން ސެކްރެޓަރީގެ މަޤާމާއި، އ.ދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޕަރމަނަންޓް ރެޕްރެޒެންޓެޓިވްގެ މަޤާމާއި، އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުވެސް ފުރުއްވާފައިވެއެވެ. މީގެއިތުރުން ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމާއި، އދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުކަމުގެ މަޤާމާއި، އެމެރިކާ، ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގެ އިތުރުންވެސް ޚާރިޖިއްޔާގެ އެހެނިހެން އިސް ގިނަ މަޤާމުތަކެއް ފުރުއްވާފައިވެއެވެ.

advertisement
ހިޔާލު ދެއްވާ!