ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލުން އެރަށުގެ މާޙައުލަށް ވިލެޖް ވީވާ ދޫނި ދޫކޮށްފިއެވެ.
މާމެންދޫ ކައުންސިލުން ރިވާޔާ ނޫހަށް މަޢުލޫމާތު ދިން ގޮތުގައި ވިލެޖް ވީވާ ދޫނި ރަށަށް ގެންގޮސްފައިވަނީ މައިގަނޑު 2 ބޭނުމެއްގައެވެ. އޭގެތެރެއިން އެންމެ ބޮޑު ބޭނުމަކީ ރަށަށް ދިމާވެފައިވާ ހުވަނީގެ އުނދަގުލުން ސަލާމަތްވުމެވެ. ދެވަނަ ބޭނުމަކީ ރަށުގެ މާޙައުލަށް އިތުރު ހިތްގައިމުކަމެއް ގެނައުމެވެ.
ކައުންސިލުން ވާހަކަދެއްކި އޮފިޝަލް ވިދާޅުވީ ހުވަނި ކޮންޓްރޯލްކުރުމުގެ ފިޔަވަޅެއްގެ ގޮތުން ރަށުތެރެއަށް 18 ވިލެޖް ވީވާ ދޫނި މިއަދު ދޫކޮށްލެވިފައިވާ ކަމަށެވެ. ކައުންސިލްގެ އުއްމީދަކީ މި ދޫނިތަކުގެ އެހީގައި ރަށަށް ދިމާވެފައިވާ ހުވަނީގެ މައްސަލައަށް ކޮންމެވެސް މިންވަރެއްގެ ޙައްލެއް ލިބުމެވެ. އަދި ރަށުތެރޭގައި އުޅޭ މި ދޫނިތައް ބަލާލައި ދޫނި ހަދާ އާދަޔާ ޚިލާފު ހާލިތައް ދެކިލުންފަދަ ބޭނުމުގައި ގިނަ ބަޔަކު ޒިޔާރަތް ކުރާ ރަށަކަށް މާމެންދޫ ހެދުމެވެ.
މީގެ އިތުރުން ރަށުގައި ގިނަ ޢަދަދަކަށް ވިލެޖް ވީވާ ދޫނި އާލާކުރުމަކީ އެ ކައުންސިލުން ބޭނުންވާ ކަމަކަށްވާތީ މިކަމަށް ރަށުގެ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އެގޮތުން މި ދޫނިތައް ނުހިފުމަށާއި އެތަކެއްޗަށް ގޯނާނުކުރުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
މާމެންދޫގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ވިލެޖް ވީވާ ދޫނި މިހާރު ގެންގުޅެއެވެ.