ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބާގައި ބޭއްވި ރަސްމީ ޖަލްސާގެތެރެއިން. ފޮޓޯ: ރައީސް އޮފީސް

ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް: ރައީސް

ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ މެކްސިކޯގައި މިއަހަރު ބާއްވާ މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވުމަށް 21 އަހަރުގެ ދިވެހި މޮޑެލްއެއް ކަމުގައިވާ ޝާއިނާ ނަސީމްއަށް އިންޑިޔާގައި ހުންނަ މެކްސިކޯ އެމްބަސީން ވިސާ ދީފައިވާ ދަނޑިވަޅެއްގައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތްﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް ކަމަށެވެ.

ރައީސްގެ ޕޯސްޓްގައި އެމަނިކުފާނު ވަނީ ކީރިތި ޤުރުއާނުގެ އިސްރާ ސޫރަތުގެ 81 ވަނަ އާޔަތްވެސް ހިމަނުއްވާފައެވެ. އެ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.  {وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا} މާނައަކީ "އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލު ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، ބާޠިލަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ."

މިސް ޔުނިވާސްގައި ބައިވެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ރާއްޖެ ތަމްސީލުކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ހަރަކާތްތަކަށް ދިޔުން، ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށްމިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުންވެސް ވަނީ ބުނެފައެވެ. އަދި އެ ޙަރަކާތުގައި ބައިވެރިވުމަށް މަސައްކަތްކުރަމުންދާ ފަރާތުން އެކަން ހުއްޓާލުމަށްވެސް ގޮވާލާފައިވެއެވެ.

ސަރުކާރުގެ އިތުރުން ދީނީ ޢިލްމުވެރިންވެސް އަންނަނީ މިކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

advertisement
ހިޔާލު ދެއްވާ!