ދިވެހިރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް (ނަންކޮމިޔުނިކަބަލް ޑިޒީސް) އިތުރުވަމުންދާތީ، އެކަން ޙައްލުކުރެއްވުމަށް، ރާއްޖޭގެ ފަސްޓް ލޭޑީގެ ހައިސިއްޔަތުން މަސައްކަތްޕުޅުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިފަދައިން ވިދާޅުވީ ބުދަ ދުވަހު ބޭއްވި މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ ކޮންފަރެންސްގެ 11 ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިން ބޭއްވި މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި) ކޮމިޓީގެ ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ރާއްޖޭގައި މަރުވާ މީހުންގެ ނިސްބަތް ކަންބޮޑުވާ މިންވަރަށް މަތިވެފައިވާކަން ފާހަގަކުރައްވައި، މިއީ ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމުގައި ވިދާޅުވިއެވެ. އަދި މިގޮންޖެހުންތަކުން އަރައިގަތުމަށް ޞިއްޙީ ދާއިރާގެ ޤާބިލުކަން އިތުރުކޮށް، މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރަން މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، މެރކް ފައުންޑޭޝަންގެ ކެމްޕޭންތަކަށް ތަޢުރީފު ކުރައްވައި އަދި ކޮންފަރެންސްގައި ފަސްޓް ލޭޑީންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި އެކުވެރިކަމަށް ތަޢުރީފުކުރައްވައި، މި ތަޖުރިބާތަކުގެ އަލީގައި ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރެއްވުމަށް މަސައްކަތް ކުރައްވާނެކަން ވަނީ ފާހަގަކުރައްވާފައެވެ.