މާލޭގައި ހިންގާ ފަސް ކެފޭއެއް ބަލާފާސްކޮށް ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ މަޢުލޫމާތުގެ އަލީގައި، މާލޭގައި ހިންގަމުން އަންނަ 05 ކެފޭއެއް 2024 އޮކްޓޫބަރު 28 އަދި 29 ވަނަ ދުވަހު ބަލާފާސްކޮށް، ޤަވާޢިދާ ޚިލާފަށް އުޅޭ 01 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައިވެސް ވަނީ މާލޭގައި ހުންނަ 3 ކެފޭއެއް ބަލައި ފާސްކޮށްފައެވެ.
އަދި އެ ތަންތަނުގައި ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރަމުންދިއަ 04 ބިދޭސީ ފިރިހެނަކާއި 01 އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން އިއްޔެ ބުނީ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާއި ކަމާ ގުޅުންހުރި އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން ޤަވާޢިދާ އެއްގޮތަށް ބިދޭސީންގެ ވިސާގެ ކަންކަން ފުރިހަމަ ކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން، މިމަހުގެ 29 ވަނަ ދުވަހަކީ އިމިގްރޭޝަނުން ރެކޯޑު އަދަދަކަށް ވިސާ ދޫކޮށްފައިވާ ދުވަހެއް ކަމަށާ 1069 ވަރކް ވިސާ އިއްޔެ ދޫކުރިއިރު، އެ އަދަދަކީ ފަހުގެ ތާރީޚެއްގައި އެންމެ ގިނައިން ވަރކް ވިސާ ދޫކުރި ދުވަސް ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.