ފޮޓޯ: ފުލުހުން

ސައްޙަ ނޫން ފައިސާއިން މުއާމަލާތް ކުރިކަމުގެ ތުޙުމަތުގައި ދެމީހަކު ހައްޔަރުކޮށްފި!

ސައްޙަ ނޫން ފައިސާއިން މުއާމަލާތްކުރި ކަމަށް ތުޙުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާލެއިން ދެމީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި / ސަލްވާ، ޢާއިޝަތު ޝިޒުނީ (25އ) އާއި ސ. ހިތަދޫ / އަތަމާވިލާ، މަޢުޒޫ މުޙައްމަދު (29އ) އެވެ.

ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން 2024 އޮކްޓޫބަރު 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މި ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު 500 ރުފިޔާގެ ސައްޙަ ނޫން 24 ނޫޓު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ތަޙުޤީޤު ކުރަމުންދާއިރު ފަހަކަށްއައިސް އާދައިގެ ކަރުދާހަށް ޕްރިންޓުކޮށްފައި ހުންނަ 500 ރުފިޔާގެ ސައްޙަ ނޫން ނޫޓު ދައުރުވަމުންދާކަން ދިވެހި ފުލުހުންގެ ޚިދުމަތަށް ފާހަގަކުރެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ.

އެހެންކަމުން، ވިޔަފާރީގެ މުއާމަލާތްތަކާއި ފައިސާގެ މުއާމަލާތްތައް ކުރުމުގައި ވެސް، ދިވެހި ރުފިޔާގެ ތަފާތު ނޫޓުތަކުގައި ހުންނަ ސެކިއުރިޓީ ފީޗާސްތައް ހުރިތޯ ބެލުމަށާއި ފައިސާ ޕްރިންޓުކޮށްފައިވާ ކަރުދާހުގެ ކޮލިޓީ ބެލުންފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުންގެ ޚިދުމަތުން ވަނީ އެދިފައެވެ.

އަދި މިފަދަ މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ރިޕޯޓުކުރުމަށް ވެސް ފުލުހުންގެ ޚިދުމަތުން ވަނީ ރައްޔިތުންގެ ކިބައިން އެދިފައެވެ.

advertisement
ހިޔާލު ދެއްވާ!