ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ ޙައްޖު، ޢުމްރާ ކޮންފަރެންސް ފަށައިފިއެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމުޙޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްއެވެ.
މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޙައްޖު އަދި ޢުމްރާގެ ޚިދުމަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވި ތިން ބޭފުޅެއްގެ އަގު ވަޒަންކޮށް ލިޔުމާއި ހަނދާނީ ފިިލާ ދެއްވާފައިވެއެވެ.
މި ކޮންފަރެންސްއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނިލައްވާ، ދިވެހިރާއްޖެއިން މީހުން ޙައްޖާއި ޢުމްރާއަށް ގެންދިއުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓައި މަޝްވަރާކުރުމުގެ މަޤުޞަދުގައި ބާއްވާ ކޮންފަރެންސްއެކެވެ.
މީގެ އިތުރުން މި ކޮންފަރެންސް އަކީ ޙައްޖު، ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކާއި ކަމާގުޅޭ އެހެން ކުންފުނިތަކާއި ކޮންފަރެންސްގެ ތެރެއިން ގުޅުވާލައި، ޙައްޖާއި ޢުމްރާގެ އަޅުކަމާއި ގުޅުންހުރި ޚިދުމަތްތައް ފުޅާކޮށް، ޢުމްރާ ކުންފުނިތަކާއި ވުޒާރާއާއި އޮންނަ ގުޅުން ރަނގަޅުކޮށް، ދީނުގައި ކަނޑައަޅުއްވާފައިވާ ގޮތަށް ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ބޭނުންވާ ދީނީ މަޢުލޫމާތުތައްދީ މިހާރަށްވުރެ ބޮޑަށް ހޭލުންތެރިކުރުވުމުގެ މަޤުސަދުގައި ބާއްވާ ކޮންފަރެންސެކެވެ.
މި ކޮންފަރެންސް ރާވާލާފައިވަނީ ޙައްޖާއި ޢުމްރާއާއި ގުޅޭ ޕެނަލް ޑިސްކަޝަންތަކާއި ކީނޯޓު ސްޕީކަރުންގެ ވާހަކަދެއްކެވުން ހިމެނޭ ގޮތަށެވެ. އެގޮތުން ޕެނަލް ޑިސްކަޝަންތަކުގައި ޙައްޖާއި ޢުމްރާއާއި ގުޅުންހުރި އެކި މުއައްސަސާތަކުގެ ބޭފުޅުންނާއި، ދީނީ ޢިލްމުވެރިން ބައިވެރިވެލައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.