މާލެ ސަރަހައްދުގައި ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން ނިންމައިފި!

މާލެ ސަރަހައްދުގައި އައު ޓެކްސީ ލައިންގެ ޚިދުމަތެއް ފެށުމަށް ސަރުކާރުން ނިންމައިފިއެވެ.

މި ނިންމުން ހާމަކުރެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުންނެވެ.

 އަމީން ވިދާޅުވި ގޮތުގައި، މި އައު ޓެކްސީ ލައިންގެ 50 އިންސައްތަ ޑްރައިވަރުންނަކީ ދާއިމީ މުވައްޒަފުންނެވެ. އަދި އަނެއް 50 އިންސައްތަ ސްލޮޓްތައް ހުޅުވާލެވިފައިވަނީ އެއް ވަޒީފާގައި އުޅެމުންވެސް އިތުރު އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކަށް ނުވަތަ 2 ނުވަތަ 4 ނުވަތަ އެއަށްވުރެ ވެސް ގިނަ ގަޑިއިރަށް މި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށެވެ.

މި ޓެކްސީ ލައިންގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ދިވެއްސަކަށްވުމާއި، ޑްރައިވިންގ ލައިސަންސް އޮތުމާއެކު ކުޑަ މެޑިކަލް ކްރައިޓީރިއާއެއް ފުރިހަމަކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން އެއް ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ހެދުމަށް ވެސް ދަނީ ޕްލޭންކުރަމުންނެވެ.

މިނިސްޓަރ އަމީން އިތުރަށް ވިދާޅުވި ގޮތުގައި، ޑްރައިވަރުންނަށް ވަކި ޑްރެސް ކޯޑެއް ކަނޑައެޅިގެންދާނެއެވެ. މިއީ ޑްރައިވަރުކަން ފަސޭހައިން ދެނެގަނެވޭނެ ގޮތަކަށް ހަމަޖެއްސުމަށް ކުރެވޭ ކަމެކެވެ. އަދި މިހާރު ޓެކްސީ ދުއްވާ ފަރާތްތަކުގެ މަސައްކަތަށް އެއްވެސް އުނިކަމެއް ނާންނާނެކަން މިނިސްޓަރ ކަށަވަރުކޮށްދެއްވިއެވެ.

މީގެއިތުރުން، ސަރުކާރުން މި ޓެކްސީ ލައިންގެ މެއިންޓެނަންސް ޚަރަދާއި ތެލުގެ ޚަރަދު ބަލަހައްޓާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދާއިމީ މުވައްޒަފުންނަށް ޓެކްސީ ލައިން ހަވާލުކުރެވޭ އެސްއޯއީގޯއީގެ ތެރެއިން މަސައްކަތް ކުރާނެ މިންގަނޑު ކަނޑައެޅިގެންދާނެކަމަށާއި، ޑްރައިވަރުންނަށް މުސާރަ ދެވޭނީ ކޮންމެ 7 ދުވަހަކުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ޕްރޮޖެކްޓްގެ މައިގަނޑު ދެ މަޤްޞަދެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވީ ޓެކްސީ ޚިދުމަތް ސްޓޭންޑަޑައިޒް ކުރުމާއި، މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ހުރިހާ ގަޑިއެއްގައިވެސް ޓެކްސީ ޚިދުމަތް ލިބޭނެކަން ކަށަވަރުކުރުމެވެ.

"މިގޮތަށް ރަނގަޅު ސެކިއުރިޓީ ނިޒާމަކުން މޮނިޓަރ ކުރެވިގެން ޓެކްސީ ލައިނެއް ނުކުތީމަ މި ޚިދުމަތައް ދެން އަންނަން ބޭނުންވާ ބޭފުޅުންނަށް ވެސް އެ ސްޓޭންޑަޑަށް ވެހިކަލްއަށް އެއްޗެހި ގެންނެވީމަ މާކެޓު ލިބޭނީ. އެއިރުން އެބޭފުޅުންގެ ޓެކްސީ އާއްމު ރައްޔިތުން ބޭނުންކުރާނީ," މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މި އައު ޓެކްސީ ލައިންގެ ޚިދުމަތް ފެށުމުން، މާލެ ސަރަހައްދުގައި ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާ ޚާއްޞަކޮށް މާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް އިތުބާރުހުރި، ރައްކާތެރި އަދި ފަސޭހަ ދަތުރުފަތުރުގެ ވަސީލަތެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ދެކެއެވެ.

މީގެ އިތުރުން، މި ޕްރޮޖެކްޓުން ގިނަ އަދަދެއްގެ ވަޒީފާގެ ފުރުޞަތުތައް އުފެދިގެންދާނެއެވެ. ޚާއްޞަކޮށް ދާއިމީ މުވައްޒަފުންގެ ގޮތުގައި އަދި ޕާޓްޓައިމް މަސައްކަތްތެރިންގެ ގޮތުގައި ގިނަ ބަޔަކަށް އާމްދަނީ ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. ސަރުކާރުން މި ޕްރޮޖެކްޓަށް ކުރާ އިންވެސްޓްމަންޓުން، ޓެކްސީ ޚިދުމަތުގެ ފެންވަރު މަތިވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ.

advertisement
ހިޔާލު ދެއްވާ!