އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ 56.6 ބިލިއަން ރުފިޔާ!

2025 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ގޮތުގައި 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބަޖެޓު ހުށަހަޅުއްވައިދެއްވީ މާލީ ވަޒީރު މޫސާ ޟަމީރެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު ޚަރަދު ކުރުމަށްވަނީ 49.2 ބިލިއަން ރުފިޔާ ހިމަނާފައެވެ.

މިހިނގާ 2024 ވަނަ އަހަރަށް ފާސްކޮށްފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މި އޮކްޓޫބަރު މަހުގެ 24 ގައި ސަރުކާރުން ވަނީ މިއަހަރަށް 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާފައެވެ. އެހެންކަމުން ސަޕްލިމެންޓްރީ ބަޖެޓާއެކު ދައުލަތުގެ މިއަހަރުގެ ބަޖެޓު 54.6 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން 2023 ވަނަ އަހަރު 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކުރި އިރު އެ އަހަރުވެސް ވަނީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާފައެވެ. 2023 ވަނަ  އަހަރު ބަޖެޓްގެ ޖުމްލައަކީ 49.3 ބިލިއަން ރުފިޔާއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބަޖެޓް ހުށަހަޅުއްވަމުން މާލީ ވަޒީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ އެއް އަހަރު ތެރޭ ގެދޮރުވެރިކަމަށް އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހެޅި ބަޖެޓުކަމަށާ އެ ބަޖެޓަކީ ދިވެހި ރައްޔިތުން ގެދޮރުވެރި ކުރުވާނެ ބަޖެޓު ކަމަށެވެ. މީގެއިތުރުން ވަޒީރު ވިދާޅުވީ ސިއްޙީ ޚިދުމަތް ހޯދުމަށް އޮތް ތަކުލީފު ނައްތާލުމަށް ޚާއްސަ 5 ހޮސްޕިޓަލް ގާއިމުކުރެވިގެންދާނެ ކަމަށާ އޭގެތެރެއިން ކެންސަރު ބަލީގެ ފަރުވާއާއި ބޯންމެރޯ ޓްރާންސްޕްލާންޓް ފަދަ ޚާއްސަ ސިއްޙީ ޚިދުމަތްތައް ރާއްޖެއިން ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!