މިނިވަން ނޫސްވެރިކަމުގެ ޓެގް އަޅުވައިގެން ދޮގު މަޢުލޫމާތު ފަތުރާ، ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ނުކުރުމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އިލްތިމާސްކުރައްވައިފިއެވެ.
ހީނާ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވެފައި މިވަނީ ދުވަހު ނޫސް "އަދަދު"ގައި ގެނެސްދީފައިވާ "ރައީސްގެ މާސްޓަޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށުމަށް އަންނަ ހަފްތާގައި އަގު ބޮޑު ހަފްލާއެއް ބާއްވަން އުޅޭކަމަށް ބުނެ ލިޔެފައިވާ ޚަބަރަކަށް ރައްދު ދެއްވައެެވެ.
އެނޫހުގައި ބުނެފައިވަނީ އެ ރަސްމިއްޔާތު ބާއްވަން ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ.
އެ ޚަބަރަށް ރައްދު ދެއްވައި ހީނާ ވިދާޅުވީ ރައީސްގެ މާސްޓަޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށުމަށް ބާއްވާ ހަފްލާ އަކީ ގާތްގަނޑަކަށް ދެލައްކަ ރުފިޔާއަށްވުރެވެސް ކުޑަ ބަޖެޓަކުން މުޅި ރާއްޖެ ޝާމިލުވާގޮތަށް ހިންގަން ރާވަމުން އަންނަ ކަމެއް ކަމަށެވެ.
އެހެން ކަމުން ހަގީގަތާ ޚިލާފު ވާހަކަ ފެތުރުމަކީ މިނިވަން ނޫސްވެރިކަން ނޫން ކަމަށް ހީނާ ވިދާޅުވިއެވެ.
"ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އަދަދު ނޫހުންވަނީ މިފަދަ އެތައް ދޮގު މަޢުލޫމާތެއް ގަސްތުގައި ފަތުރާފައި. މިނިވަން ނޫސްވެރިކަމުގެ ޓެގް އަޅުވައިގެން މި ޤައުމުގައި ދޮގު މަޢުލޫމާތު ފަތުރާ، ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ނުކުރުމަށް އިލްތިމާސްކުރަން." ހީނާ ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ސަރުކާރުގެ އެކި އެކި މައުލޫމާތު ހަގީގަތާ ޚިލާފަށް އެނޫހުގައި ގެނެސްދީފައިވާ ކަން ހީނާ ފާހަގަ ކުރެއްވިއެވެ.