ކްރިމިނަލް ކޯޓް

ރައީސް އައްޔަންކުރާ ސިޔާސީ މަގާމެއްގައި ހުރެ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ސިޔާސީ މަގާމެއްގައި ހުރެ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

ހައިކޯޓުން މިގޮތަށް ކަނޑައެޅީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގި މައްސަލައެއް ރައްދުވާ މީހެއްގެ ގާނޫނީވަކީލުގެ ހައިސިއްޔަތުން, އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހްމަދު ކޯޓުގައި ވަކާލާތު ކުރައްވާތީ، ދައުލަތުގެ މަގާމެއް ފުރުއްވަމުންދާ ބޭފުޅެއް، ދައުލަތާއި ދެކޮޅަށް އެފަދަ މައްސަލައެއްގައި ވަކާލާތު ކުރުމަކީ މަސްލަޙަތު ފުށުއެރުމަށް ކަމަށް ބުނެ، އެކަމާ ދެކޮޅަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން އިއުތިރާޒު ކުރުމުންނެވެ.

މި އިއުތިރާޒުގެ ރައްދުގައި، ރާގިބު ވިދާޅުވީ، ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަކީ ދައުލަތް ނޫން ކަމަށާއި އެއީ ސަރުކާރުގެ މުވައްސަސާއެއް ކަމަށެވެ. އަދި ދައުލަތަކީ އޭޖީ އޮފީސް ކަމަށާއި، ސިޔާސީ މަގާމެއް ފުރަމުންދިއުމަކީ މިފަދަ މައްސަލައެއްގައި ވަކާލާތު ކުރުމަށް މަނާ ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުލަތުގެ މުވައްޒަފަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމާމެދު ސަރުކާރު ނުވަތަ ދައުލަތަުގެ ސިޔާސަތަކީ ކޮބައިތޯ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ ސުވާލުކުރައްވާފަ އެވެ.

އެ ސުވާލާ ގުޅިގެން ޕީޖީ އޮފީހުގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހުން ހޯދި ޖަވާބުގައި ވާގޮތުން، ދައުލަތުގެ އެންމެ އިސްވެރިޔާ ރައީސުލްޖުމްހޫރިއްޔާ، އެމަނިކުފާނުގެ މަގާމުގެ ވާޖިބުތައް އަދާކުރުމަށް ބޭނުންވާ މަގާމުތަކަށް އައްޔަންކުރެވޭ ފަރާތްތަކާއި ދައުލަތުން މުސާރަ ދޭ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ތެރެއިން ގާނޫނީ ވަކީލުންގެ ގޮތުގައި ހިމެނޭ ފަރާތްތައް ދައުލަތުގެ އިދާރާއަކާ ދެކޮޅަށް އެ ފަރާތެއްގެ މުވައްކިލު ތަމްސީލުކުރުމަކީ އެ މަގާމަށް އައްޔަންކުރި ފަރާތް ނުވަތަ މުސާރަ ދޭ ފަރާތުގެ މަސްލަހަތާ ދެކޮޅަށް މަސައްކަތް ކުރެވޭ ހާލަތެއް ކަަމަށެވެ.

އަދި އޭނާގެ އެންމެ މުހިންމު މަސްއޫލިއްޔަތަކަށް ވާންވާނީ ދައުލަތުގެ މަސްލަހަތު އިސްކޮށްގެން ނެގެހެއްޓުމަށް މަސައްކަތްކުރުން ކަމަށްވާތީ ސިޔާސީ މަގާމުތަކަށް އައްޔަންކޮށް އެ މަގާމުގައި ނުވަތަ ދައުލަތުން މުސާރަ ދޭ އެ ނޫން ވެސް އެފަދަ މަގާމުތަކުގައި ތިބޭހާ ހިނދަކު ދައުލަތާ ގުޅުންހުރި މައްސަލަތަކުގައި ދައުލަތާ ދެކޮޅަށް މަސައްކަތްކުރުމަކީ އޭނާގެ ވަކީލުކަމުގެ އަމިއްލަ މަސްލަހަތާއި ދައުލަތުގެ މަސްލަހަތާ ފުށޫއަރާ ހާލަތެއްކަންވެސް ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އެފަދައިން ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ދައުލަތާ ދެކޮޅަށް ވަކާލާތު ކުރެވިދާނެކަމަށް ނުފެންނަ ކަމަށް ބަންޑާރަ ނާއިބު ވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، ރާގިބު އަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމުން، އެ މަގާމުގައި ހުންނަހާ ހިނދަކު ދައުލަތާއި ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށެވެ. އެގޮތަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމުގައިވާ  ފަނޑިޔާރު ހުސައިން މަޒީދު، ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރު މުހައްމަދު ސަލީމް ވަނީ އިއްތިފާގު ވެވަޑައިގެންފައެވެ.

advertisement
ހިޔާލު ދެއްވާ!