ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި ސިޔާސީ މުވައްޒަފުން މަދުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ގޮތުގެ މަތިން، އިއްޔެގެ ނިޔަލަށް އެކި މިނިސްޓްރީތަކުން 248 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
އިގުތިސާދު ރިފޯމް އެޖެންޑާގެ ތެރެއިން 15 ދުވަހުގެ ތެރޭގައި އެކި މިނިސްޓްރީތަކުން 228 މުވައްޒަފުން ވަކިކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މިދިޔަ މަހުގެ 15 ގަ އެވެ.
އެ މުއްދަތަށް އިއްޔެ 15 ދުވަސް ހަމަވިއިރު، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެ މުއްދަތުގައި 248 ސިޔާސީ މުވައްޒަފުން މަދު ކުރެވިފައިވާ ކަމަށެވެ.
އަދި، ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ، ކުރުންތެރިކަން އިތުރު ކުރުމަށް ސިޔާސީ މުވައްޒަފުންގެ ޕާފޯމަންސް ބަލާނެ ނިޒާމެއް ގާއިމް ކުރަން ނިންމާފައިވާ ކަމަށާއި އެ ނިޒާމަށް ވަރަށް އަވަހަށް އަމަލު ކުރަން ފަށާނެ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.
ވަކިކުރަން ނިންމާފައިވާ ކަމަށް ރައީސް އިއުލާނު ކުރައްވާފައިވަނީ ހަތް ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.
މި ނިންމުމާއެކު ދައުލަތުގެ ބަޖެޓުން މަހަކު 5.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.